ޚަބަރު

ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑުގައި 60 ދުވަސް މަޑުކުރެވޭނެ

އަލީ ސަމާޙް ، ދެން އޮންލައިން
ތައިލެންޑް އިމިގްރޭޝަން އޮފިސަރުންތަކެއް/ ފޮޓޯ: ރޮއިޓާސް

ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑުގައި 60 ދުވަސް މަޑުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، މި މި މަހުގެ 15 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

އެ ގޮތުން، ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 (ފަސްދޮޅަސް) ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި މި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ޙާލަތެއް މެދުވެރިވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 (ތިރީސް) ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭނެ އެވެ.

ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސްއެއް ހޯދުމަށާއި ރާއްޖެއިން ބޭރުގައި އުޅޭއިރު އެގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!