ބިދޭސީންގެ މައްސަލައަށް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ދާއިމީ ހައްލެއް ލިބޭނެ : ވަޒީރު
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި މި މައްސަލަ ހައްލު ވެގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަަމަށް ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިރޭ އެ ވުޒާރާއިން ބޭއްވި ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ, ކުރަނގި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާ ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށާއި, ފުރަތަމަ މަރުހަލާގައި ގިނަ އަދަދެއްގެ ބިދޭސީންގެ މައުލޫމާތު އެއްކުރެވުނު ކަމަށެވެ. އަދި ދެވަނަ މަރުހަލާ ރާއްޖެއަށް ފުޅާވެގެން ދިއުމާއެކު ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
އިޙްސާން ވިދާޅުވީ, ކުރަނގި އޮޕަރޭޝަންގެ ތެރެއިން ކައުންސިލްތަކާއި ފުލުހުންނަށް އެ ވުޒާރާއިން ގެންގުޅެމުން އަންނަ ޕޯޓަލްގެ އެކްސެސް ދޭނެ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ޤަވާއިދާ ޚިލާފަށް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިދޭސީންގެ ފޮޓޯ, ނުވަތަ ކައުންސިލަށް ހާޒިރުކޮށް އިނގިލި ނިޝާން ނެގުމުން ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ޑިވެލެޕް ކުރެވިފައިވާ އެޕްތަކުގެ ސީދާ އެކްސެސް ކައުންސިލްތަކާއި ފުލުހުންނަށް ދޭނަން. އޭގެން އިނގޭނެ ބިދޭސީ މީހާއަކީ ކާކުކަން. ކީއްކުރަން, ކޮން ކުންފުންޏަކުން ގެނައި މީހެއްކަން. އެންމެ ފަހުން ވިސާ ދެއްކީ ކޮންއިރަކުކަން" އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ, މިގޮތަށް އެއް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ބިދޭސީން އައިޑެންޓިފައި ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަަމަށާއި, އަދި ދެވަނަ އަހަރާއި ތިން ވަނަ އަހަރުގެ ތެރޭގައި އެ މީހުން ޤާނޫނީ އިމުުގެ ތެރެއަށް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. އިޙްސާން ވިދާޅުވީ, ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.