ކްރޮސް ސަބްސިޑީގެ ދަށުން ޓޫރިޒަމް ތަރައްގީކުރަން ހުޅުވާލައިފި

ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ، އެ ޕްރޮޕޯސަލް އަކީ ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތުގެ ދަށުން ހިންގާ މުހިންމު މަޝްރޫއުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކޮށްފައިވާ މަޝްރޫއުގެ މުގާބިލުގައި ރަށްރަށާއި ބިންތަކާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދީފައިވާ ފުރުސަތެެއް ކަމަށެވެ.
މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހަޅަން ވާނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުންނެވެ.
އެ ޕްރޮޕޯސަލްއާ އެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތަައް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. ޝައުގުވެރިވާ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް ފޯމް ހުށެހެޅުމަށް ވެސް މިނިސްޓްރީއިން އެދެ އެވެ.
މީގެ ކުރިން ކްރޮސް ސަބްސިޑީގެ އުސޫލުން ހަ ރަށެއް ދޫކުރަން އިއުލާނުކުރި އެވެ.