ލައިފްސްޓައިލް

ބައްޕާއެވެ! އަހަރެން ހިނގަނީ ބައްޕަގެ ފައިތިލަ މަތީންނެވެ. ބައްޕަ ކައްޗަށް ފިޔަވަޅު ނާޅާށެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮންމެ މަޔަކީ އަދި ބަފަޔަކީ ދަރީންދެކެ އިންތިހާއަށް ލޯބިވާނޭ ބައެކެވެ. ލޮލުގެ ކޮއި ފަދައިން އަޅާލާނޭ ބަޔެކެވެ. ތިމާގެ އަމިއްލަ ނަފްސަށް ނޭދޭ ވަރަށް ތިމާ އަށް ހެޔޮ އެދެނީ އެ މައިންބަފައިންނެވެ. ވީއިރު މައިންބަފައިން ވާން ޖެހޭނީ ދަރީންނަށް ހެޔޮ ލަފާ ، ދަރީންގެ ކުރިމަގު ކުރަހާ މީހުންނަށެވެ. އެމަގުން ދިޔުމަށް އެމީހުންނަށް ބާރު އަޅާ މީހުންނަށެވެ.

Ads by STELCO

ދަރީން ގޭގަޔާއި އެހެނިހެން ތަންތަނުގައި އުޅޭ އުޅުމުގައި އަހަރެމެން އެދަރީންނާއި މެދު ވަރަށް ފަރުވާތެރިވަމުއެވެ. އުނދުނަކާއި ނުވަތަ ހޫނު އިސްތިރިއަކާއި ދަރިފުޅު ކައިރިވާނަމަ މޭގަނޑު އަތަށް އަންނަވަރުވެއެވެ. ގޭގައި ދަރިފުޅު އުޅޭއިރު ވެސް އަދި މަގުމަތީގައި އަތު ހިފާލައިގެން ހިނގާފައި ދާއިރުގައި ވެސް ނޫންނަމަ ޕާކެއްގައި އެއްޗަކަށް އަރާ ނަމަވެސް އާންމުކޮށް އެކުދިންނާއި ދިމާލަށް ބުނެވޭ ބަހަކީ މިއެވެ.

''ދަރިފުޅާއެވެ! ބަލައިގެން އުޅެއްޗެވެ. ބަލައިގެން ހިނގައްޗެވެ."

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ބަސްތަކުގެ ހަމައެކަނި ލަފުޒީ މާނަތަކަށް ވިސްނާނުލާ އެ އިބާރާތުގެ ފުން ކަމަށް ވިސްނަވާ ލައްވާށެވެ. ހަމައެއާއެކުމެ ދުލުން ބުނެދޭން ނުކުޅެދުނަސް ، އެ ވިސްނުން ނެތަސް ތިބާގެ ދަރިފުޅުގެ ޢަމަލުން އެ ބަސްތަކަށް އެބަ ޖަވާބުދެއެވެ.

"ބައްޕާއެވެ! މަންމާއެވެ! އަހަރެން ހިނގަނީ ބައްޕަގެ ފިޔަވަޅު މަތިންނެވެ. މަންމަގެ ހިޔަނީންނެވެ. އަހަންނާއި މެދު ފަރުވާތެރިވާށެވެ."

ވިސްނަވާ ލައްވާށެވެ. ކަން ހިނގާ މަގަކީ މިއީ ނޫންތޯއެވެ. އެކުދިން ހުރިހާ ކަމެއް ދަސްކުރަނީ މަންމައާއި ބައްޕަގެ ފަރާތުންނެވެ. ބައްޕައާއި މަންމަ ވާހަކަ ދައްކާ އޯގާތެރި ރާގަށް ، އެމޭރުމުން ވާހަކަ ދައްކައެވެ. މަންމައާއި ބައްޕައާއި ދެމެދު އޮންނަ ލޯބި ، އެ ކުއްޖާ ވެސް ދަސްކޮށް އެފަދައިން މައިންބަފައިން ދެކެ ލޯބިވެއެވެ. މަންމަ ގޭތެރޭގައި ނަމާދު ކުރާތަން ފެންނަނަމަ މަންމައާއެކު ނަމާދު ކުރަން އުޅެއެވެ.

ހަމަ މި ބީދައިން މަންމައާއި ބައްޕައަކީ ހުތުރު ބަހުން ވާހަކަ ދައްކާ ބައެއް ނަމަ އެ ބަސްތައް އެކުއްޖާ ދަސްކުރެއެވެ. ބައްޕަގެ ބޮލުގައި ކަޓް ނަގާފައިވާ ގޮތަށް ކަޓް ނަގާ ހިތްވެއެވެ. ބައްޕަ އަޑުއަހާ ލަވަަތައް ، އަޑުއަހާ ހިތްވެ އެ ލަވަތައް ކިޔާ ހިތްވެއެވެ.

ވިސްނާލައްވާށެވެ! މަސްތުވާތަކެތި ބޭނުންކުރާ އެއްވެސް މީހަކު އެމީހެއްގެ ދަރިއަކު އެކަން ކުރާކަށް ނޭދެއެވެ. މައިންބަފައިން ނަމާދު ނުކުރިއެއްކަމަކު ދަރީން ލައްވާ ނަމާދު ކުރުވާން ބޭނުންވެއެވެ. މައިންބަފައިންނަކީ އުޅުމެއް ނެތް ބަޔަކަށް ވީ ނަމަވެސް ދަރީންނަކީ އުޅުންހުރި ހަރުދަނާ ބަޔަކަށް ހަދަން ބޭނުންވެއެވެ.

ލޮބުވެތި އަޚާ އެވެ! ލޮބުވެތި އުޚުތާއެވެ! މިއީ މިކަން ވާނޭ ގޮތެއް ނޫނެވެ. ދަރިފުޅު ހިނގާނީ މައިންބަފައިންގެ ފިޔަވަޅު މަތީންނެވެ. ވީއިރު ދަރިފުޅު ގާތުގައި ބަލައިގެން އުޅެން ބުނާއިރު ދަރިފުޅުގެ ޢަމަލުން ދޭ ޖަވާބަށް ފަރުވާތެރިވާށެވެ. ކުދީންނަށް ރަނގަޅު ނަމޫނާ ދައްކާށެވެ. އަލިފާން ރޯކޮށްފައިވާ އުނދުނާ ދަރިފުޅު ކައިރިވީމާ މޭގަނޑު އަނގަޔަށް އަންނައިރު އޭގެ 70 ގުނަ ހޫނުކަން ގަދަ އަލިފާނެއް ވާކަމާއި މެދު ފިކުރު ހިންގާށެވެ. މިއަދު "ފިހުނަސް" އެ ދުވަހު ތިމާއާއި ދަރީން ނުފިހޭނެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާށެވެ.

"ދަރިފުޅާއެވެ! ބަލައިގެން ހިނގާށެވެ." މިހެން ބުނާއިރު ދަރީންގެ ޢަމަލުން ބުނާފަދައެވެ.

" ބައްޕާއެވެ! ބައްޕަ ފަރުވާތެރިވާށެވެ. އަހަރެން ހިނގަނީ ބައްޕަގެ ފައިތިލަ މަތީންނެވެ"

ވީމާ ، ފުރަތަމަ ބައްޕަގެ ފައިތިލަ ތެދު ކުރާށެވެ. ކަތި މަގުން ކަތި ފިޔަވަޅުގައި ބައްޕަ ނުހިނގާށެވެ. ތެދު މަގުގައި ފައިތިލަ އަޅާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!