ބާ ކައުންސިލުން ބަންޑާރަ ނައިބު އުނިކުރަން ގާސިމް ދެކޮޅު
ވަކީލުންގެ ކަންތައް ބެލެހެއްޓުމަށް ގާނޫނީ ގޮތުން ޒިންމާ މަތިކޮށްފައިވާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު ނުހިމެނޭ ގޮތަށް ގާނޫނު އިސްލާހުކުރުމާ މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމް ދެކޮޅު ހައްދަވައިފި އެވެ.
ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނިކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި އިސްލާހު ހުށަހަޅާފަ އެވެ.
އެ ބިލު ހުށަހެޅި މަގްސަދެއްގެ ގޮޮތުގައިި ބުނެފައިވަނީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމަށް ކަނޑައަޅައި، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާ އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
ގާނޫނީ ފަންނުގެ ބިލަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ ދައުލަތެއް ހިންގުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ އެންމެ ފަހުގެ މައުލޫމާތު އެނގުމަކީ ރައިސުލްޖުމްހޫރިއްޔާއަށް ދައުލަތް ހިންގަން މުހިއްމު ކަމެއް ކަމަށެވެ. ދައުލަތުގެ ވަޒީރުން ތިއްބަވަނީ އެހެންވެެގެންކަން އޭނާ ފާހަގަކުރެއްވި އެވެ.
އެ ނުކުތާގައި ގާސިމް ވިދާޅުވީ ބަންޑާރަ ނައިބު ވެސް ބާ ކައުންސިލްގައި ހުންނެވުން މުހިއްމުވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.
"އެގްޒެކެޓިވް ކޮމިޓީގެ ތެރޭގައި އޭގެ ތެރޭގައި ބަންޑާރަ ނައިބު ނެތިގެން ދިއުމަކީ އެއީ އެތަނުން ހިންގާ ހުރިހާ ކަމެއް ގޯސްކޮށްދާނެ ކަމެއް ކަމަށް ނިންމާ ނިންމުން ވެސް އެއީ އަޅުގަނޑަކަށް ހިޔެއް ނުވޭ ރަނގަޅު ކަމެއްހެން. އެންމެ ބޭފުޅެއްގެ ވޯޓު ގޯސްކޮށް ދާތީ، ދިޔައީމާ މިސާލަކަށް ބަންޑާރަ ނައިބުގެ ވޯޓުން އެކަނި ގޯސްކޮށް ދާތީ އެއީ ރަނގަޅު ނޫން ކަމެއް ކަމަށް ނިންމައި ނުވަތަ އެކަން ކުރިއަށް ނުގެންދެވޭނެ ކަން ނިންމާ ނިންމުން ވެސް ރަނގަޅެއް ނޫން. " ގާސިމް ވިދާޅުވި އެވެ.
"ބަންޑާރަ ނައިބު އެތާގަ އިންނެވުމަކީ އެތަނުން ހިނގާ ކަންތައްތައް ރައިސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅަކަށް އަޕްޓުޑޭޓް އިންފޮމޭޝަން ލިބުމުގައި ނުހަނު ބޭނުންތެރިކަމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ."
މި އިސްލާހު ފާސްވެ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އުނިކުރުމުން، އެ ކޮމިޓީ އެކުލެވޭނީ ހަމައެކަނި ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ފަސް މެމްބަރުން ނެވެ. މިހާރު ބަންޑާރަ ނައިބާ އެކު އެ ކޮމިޝަންގައި ހަ މެމްބަރުން ތިއްބަވަ އެވެ.