ރާއްޖޭގެ މާކެޓުގައި ދައުރުވަމުން އަންނަ ބޭހުގެ ދެ މާއްދާއެއް ހިމެނޭ މާމުޔަކަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވިއްކަމުންދާ ބްލެކް ހޯސް ވައިޓަލް ހަނީ އަދި އެޓުމެކްސް ރޯޔަލް ހަނީ ފޯ ހިމް މާމުއިގައި ބޭހުގެ ދެ މާއްދާއެއް ކަމަށްވާ ޓަޑަލަފިލް އަދި ސިލްޑެނަފިލް ހިމެނޭކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ އޮތޯރީޓިން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ވެސް އާންމުންގެ ސަމާލުކަން މިކަން ވަނީ ގެނެސްފަ އެވެ. މިފަދަ އުފެއްދުންތަކަކީ ޔޫއެސް އެފްޑީއޭއިން ރައްކާތެރި ނޫން ކަމުގައި ފާހަގަކޮށްފައިވާ އުފެއްދުންތަކެކެވެ.
"މިފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ޓަކައި މިފަދަ އުފެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި ދެންނެވީމެވެ،" އެމްއެފްޑީއޭއިން ބުނެފައިވެ އެވެ.
އެމްއެފްޑީއޭއިން ބުނި ގޮތުގައި ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއް ކަމުގަ އެވެ.