ޚަބަރު

ކަނޑުތަކުގެ ދިރާސާ ސިމްޕޯސިއަމް މާދަމާ ފަށަނީ

ފާތިމަތު ނަޝްވާ ، ދެން އޮންލައިން
ސިމްޕޯސިއަމް ޝަރަފުވެރި ކޮށްދެއްވާނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް/ ފޮޓޯ: ފިޝަރީޒް

މޯލްޑިވްސް މެރިން ރިސާޗް އިން ބާއްވަމުން ގެންދާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ ފަސްވަނަ ސިލްސިލާ މާދަމާ ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

Ads by STELCO

ފިޝަރީޒް މިނިސްޓްރީ އިން ބުނީ އެ ފޯރަމް ކުރިއަށްދާނީ ދެ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިއީ ކޮންމެ ދެ އަހަރުން އެއްއަހަރު ކުރިއަށްގެންދާ ސިމްޕޯސިއަމް އެކެވެ. ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމެވެ.

ސިމްޕޯސިއަމް ކުރިއަށް ދާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގަ އެވެ. މިނިސްޓްރީން ބުނީ އެ ސިމްޕޯސިއަމަށް ހުށަހަޅާ ދިރާސާތަކުގެ މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި އޮންލައިންކޮށް ބެލޭނޭ ގޮތްވެސް ހަމަޖެހިފައިވާ ކަމަށެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންގެންދާ މި ސިމްޕޯސިއަމްގެ މަގްސަދަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށް ދިނުމެވެ.

މިއަހަރު ސިމްޕޯސިއަމްގައި 63 ދިރާސާގެ ތެރޭގައި 35 ޕްރެޒެންޓޭޝަނާއި 28 ޕޯސްޓަރު ހިމެނޭކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހުށަހެޅިފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ހަ ދާއިރާއަކަށް ކަމަށެވެ.

އެއީ 'ކޮރަލްސް އެންޑް ރީފް އިކޮލޮޖީ'، 'ފިޝަރީޒް އެންޑް އެކުއަކަލްޗާ'، 'ޝާކްސް އެންޑް ރޭސް'، 'އަދާ މެރިން މެގަ-ފައުނާ'، 'މެންގްރޫވްސް އެންޑް ސީ ގްރާސެސް'، އަދި 'މިސެލޭނިއަސް މެރިން ތީމްސް' އެވެ.

މި ސިމްޕޯސިއަމްގައި ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތައް ކުރަމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވާސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހިމެނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.

އަދި މި ރަސްމިއްޔާތުގައި، ސިމްޕޯސިއަމް ހިންގާ ފަރާތްކަމުގައިވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި, އަހަރުތަކަކަށް ފަހު މޯލްޑިވްސް މެރިން ރިސާޗް ބުލެޓިން އަލުން އިއާދަކުރުމަށް ބުލެޓިންގެ 9 ވަނަ އަދަދު ނެރުމާއި އިންސްޓިޓިއުޓަށް ރިސާޗް ދާއިރާތަކުން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އިން ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!