ޚަބަރު

މާލެ-ވިލިމާލެ މަގުތައް ހެދުމުގެ މަޝްރޫއު: ފީސިބިލިޓީ ހެދުމުގެ އެއްބަސްވުމުގައި ޗައިނާއާއެކު ސޮއިކޮށްފި

ފާތިމަތު ނަޝްވާ ، ދެން އޮންލައިން
އެކްސް ފޮޓޯ: މޫސާ ޒާމިރު

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ "ލެޓާސް އޮފް އެކްސްޗޭންޖް" ގައި ޗައިނާއާއެކު ސޮއިކޮށްފި އެވެ.

Ads by Sosun Fihaara

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން  ސޮއި ކުރަށްވާފައިވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި ސިޑްކާގެ ފަރާތުން ޗެއާމަން ލުއޯ ޖާއޮހުއީ އެވެ.

ބޭޖިންގައި ދެ ގައުމުގެ އިސް ވެރިން ބޭއްވި އެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބުގެ އިތުރުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ރާއްޖޭން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޒީލް ނަޖީބު ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މުހިންމު މަޝްރޫޢުތަކާގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ އަދާހަމަ ކޮށްފއިވާކަމަށް ވެސް ބުނެފައިވެ އެވެ. 

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި މި އަހަރުގެ ކުރީކޮޅު ޗައިނާއަށް ވަޑައިގެން މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ވަނީ ހަމަޖައްސަވައިފަ އެވެ.

އެ ފައިސާއިން މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވެ އެވެ. އަދި މިއަދު ސޮއިކުރި ލެޓާސް އޮފް އެކްސްޗޭންޖަކީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ފުރަތަމަ މަރުހަލާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!