ދައުލަތަށް ގެއްލުނު ފައިސާ ހޯދަން އޭސީސީއާއި އޮޑިޓް އޮފީހާއެކު އޭޖީން މަޝްވަރާކޮށްފި
ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ހިޔާނާތްތަކުގެ މުއާމަލާތްތަކުގެ ތެރެއިން، ނުލިބި ގެއްލުނު ފައިސާ އަނބުރާ ހޯދަން ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި ދެ މިނިވަން މުއައްސަސާއަކާއެކު އެޓާނީ ޖެނެރަލްގެ އޮފީހުން މަޝްވަރާކޮށްފި އެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އިސްވެ ހުންނަވައިގެން މިއަދު އެ އޮފީހުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންނާއި އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީއާ ބައްދަލުކުރެއްވި އެވެ.
އޭސީސީގެ މެންބަރުންނާ އެކީ ބޭއްވީ ވަކި ބައްދަލުވުމެކެވެ. އަދި އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީއާއި އޮޑިޓް އޮފީހުގެ އިސް މުވައްޒަފުންނާ އެކީ ބޭއްވީ ވަކި ބައްދަލުވުމެކެވެ.
މި ދެ ބައްދަލުވުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން އެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގައި އެ ދެ މުއައްސަސާގެ އެހީތެރިކަން ހޯދުމާއި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެކެވެ.
"މި ކަމަކީ ސަރުކާރުން ވަރަށް އިސް ކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް،" އެޓާނީ ޖެނެރަލް އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓްގައިވެ އެވެ.
ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން މަދަނީ ދައުވާތައް ކުރުމަށް އޭސީސީން ފޮނުވާފައި އެބަވެ އެވެ. އޭގެ ތެރޭގައި މި އަހަރު ފޮނުވި މައްސަލަަތަކުގައި 50.3 މިލިއަން ރ. ހިމެނޭ އިރު އެއިން 40.4 މިލިއަން ރުފިޔާއަކީ އެމްއެމްޕީއާރުސީން ހޯދަން އެދޭ ފައިސާ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން ދައުލަތަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު އެ ފައިސާ ހޯދަން ކުރަން ޖެހޭ މަދަނީ ދައުވާތައް ވެސް އޭގައި ހިމެނޭނެ އެވެ.
މިފަދަ ފައިސާ ދައުލަތަށް އަނބުރާ ނުހޯދޭތީ، އަބަދުވެސް އާންމުންގެ ފާޑުކިޔުން އިންތިހާއަށް އޮވެ އެވެ.