ހުރިހާ މާނައެއްގައި މިނިވަންކަން ރައީސް ކަށަވަރުކޮށްދެއްވާނެ: އަބްދުއްރަހީމް
ހުރިހާ މާނައެއްގައި ރާއްޖޭގެ މިނިވަންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޗެއާޕަސަންގެ މަގާމުވެސް ފުރުއްވަމުންގެންދަވާ އަބްދުއްރަހީމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ 56 މިނިވަން ދުވަސްކުރަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ރައްޔިތުންނަށް އިތުބާރު ދެއްވީ ދިވެހީން އެދޭ ދިވެހީންގެ ރާއްޖެއެއް ބިނާކޮށް ދެއްވާނެކަން ކަމަށެވެ.
ވިދާޅުވީ ރައީސް ދެއްވި ޔަގީންކަމަކީ ތަފާތުކުރުމެއްނެތި ހަމަ ކޮންމެ މީހަކަށްމެ އަދުލު އިންސާފު ޔަގީންވާނެހެން ފުދުންތެރި ދިރިއުޅުމެއް ލިބިގެންދާނެކަން ކަމަށެވެ.
"ގެއްލިފައިވާ ގައުމާއި ރައްޔިތުންގެ ޙައްގުތައް ހޯއްދަވައި ދެއްވާނެކަމަށް. ގައުމުގެ މިނިވަންކަމުގެ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާ،އޭގެ އެންމެ ފުރިހަމަ މާނައިގައި މިނިވަންކަން ކަށަވަރުކޮށް ދެއްވާނެކަމަށް" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ގައުމުގެ އިގްތިސާދީ ސިޔާދަތާއި މިނިވަންކަން ޔަގީންކުރުމަށްޓަކައި އުދަރެހުގެ އެންމެ ކޮޅަށް ބެލުމަށް ނުވަތަ ދުރުވިސްނޭ ސިޔާސަތުތައް ގެންގުޅެންޖެހޭ ކަމަށެވެ. ދިވެހީން އެދޭ ދިވެހީންގެ ރާއްޖެއެއް ބިނާކޮށް ދެއްވާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގައި ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ހަމަހަމަ ކަމާއި އަދުލު އިންސާފު ޔަގީންވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެ ޖަލްސާގައި ރައީސް ވަނީ އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވިގެންދާނެކަން ވެސް ހާމަކުރައްވާފަ އެވެ. މީގެ އިތުރުން ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސަތްކަތް ނިމުމަކާއި ހަމަޔަށް އައިސްފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެ އެއްބަސްވުމުގެ ސަބަބުން 53 ބާވަތެއްގެ ޑިއުޓީ ލުއިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.