ކުވެއިތު ފަންޑުން އަނބުރާ ގެންދިޔަ ފައިސާއިން 9 މިލިއަން ޑޮލަރު ރިކަވާކޮށްފި
ރާއްޖޭގެ ހަތް ރަށެއްގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިމާރާތްކުރަން ނިންމި ހޮސްޕިޓަލްތައް އަޅަން ކުވެއިތު ފަންޑުން ދިން ފަންޑު އަނބުރާ ގެންގޮސްފައިވާތީ އެ ފައިސާ ހޯދަން ކުރަމުންދާ މަސައްކަތުގެ ތެރެއިން 9 މިލިޔަން ޑޮލަރު މި ސަރުކާރުން ރިކަވާކޮށްފި އެވެ.
ސޯލިހުގެ ސަރުކާރުގައި ކުވެއިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތައް އިމާރާތްކުރަން ސޮއިކުރި އެވެ. ދިވެހި ކުންފުންޏެއް ކަމަށްވާ ޑެޕްލެކްސް ޕްރައިވެޓްއާ ހަވާލުކުރީ އދ. މާމިގިލި އާއި ހދ. ހަނިމާދު، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް ހެދުމަށެވެ. ނ. ވެލިދޫ އާއި ށ. މިލަންދު އަދި ކ. ތުލުސްދޫގައި ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކުރީ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާ އެެވެ.
ފައިސާ އަނބުރާ ގެންދިޔައީ ކުވެއިތު ފަންޑުގެ އުސޫލާ ހިލާފުވެގެން ކަމަށް ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.
މިނިސްޓަރު ހަލީލް މިރޭ "ދެން އޮންލައިން" އަށް ވިދާޅުވީ ސަރުކާރުގެ އިސްވެރިން ކުވެއިތު ފަންޑާއެކު ކުރެވުނު މަޝްވަރާގެ ތެރެއިން މި ފަހަރު ރިކަވާ ކުރެވިފައިވަނީ 3 މިލިޔަން ކުވެއިތު ދީނާރު (9 މިލިޔަން ޑޮލަރު) ނުވަތަ 153 މިލިއަން ރުފިޔާ ކަމަށެވެ.
އެކަމަކު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުން ކުވެއިތު ފަންޑު އަނބުރާ ގެންގޮސްފައިނުވެ އެވެ.