ޚަބަރު

ހަރަދު ކުޑަކުރިޔަސް ދިރިއުޅުމުގެ ފެންވަރަށް އަސަރެއް ނުކުރާނެ: ނާޒިމް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މިރޭގެ ޖަލްސާގައި ނާޒިމް ވާހަކަފުޅު ދައްކަވަނީ

ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އަސަރުނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ނާޒިމް މިގޮތަށް ވިދާޅުވީ, މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

ޒިމް ވިދާޅުވީ މިހާރު ސަރުކާރުން ވަނީ އިގްތިސާދު ހަމަޔަކަށް އެޅުވުމަށްޓަކައި 'ޕްރޮގްރާމް' އެއް ފައްޓަވާފަ ކަމަށެވެ. އެގޮތުން، އެކަން ކުރާނީ އޭނާ ވިދާޅުވި ގޮތުގައި އާމްދަނީ އިތުރުކޮށްގެންނާއި، ހަރަދުތައް ކުޑަކޮށްގެން ނެވެ. މިކަން ފާހަގަކުރައްވަމުން އޭނާ ރައްޔިތުންނަށް ދެއްވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރަށް އުނިކަމެއް ނާރާނެ ކަމުގެ ޔަގީންކަމެވެ.

"ހަރަދުކުޑަރުމުގެ ގޮތުން އަޅާ އެއްވެސް ފިޔަވަޅެއްގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެއްވެސް ކަހަލަ އުނިކަމެއް ނާންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް. އެއީ ރައްޔިތުންނަށް މިހާރު ލިބެމުންދާ ހިދުމަތްތައް ލިބޭ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ" މަޖިލީހުގެ މާލިއްޔަތު ކޮމިޓީގަ ވެސް އިންނަވާ ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ވެސް އެކުލަވާލާނީ ހިދުމަތްތައް އެންމެ ބޭނުންވާ މީހުންނަށް އެ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ގޮތަކަށް ކަމަށެވެ.

ނާޒިމް ތުހުމަތު ކުރެއްވި ގޮތުގައި, ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޖެހުނީ މިދިޔަސް ފަސް އަހަރުގަ ކުރީ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ކަމަށެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުގެ ހަރަދު ބޮޑުވެ، ބިލުތައް ނުދައްކާ ހުރުމުގެ ސަބަބުން އިގްތިސާދު މަޑުޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ، އަމަލީ މަސައްކަތް ނުފެށި ހުރި މަޝްރޫއުތައް މަޑުޖައްސާލައި، މިހާރު ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން އެމްޓީސީސީއަށް އަންގާ ފަ އެވެ. ސަރުކާރުން މިގޮތަށް އެންގީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައިނުވުމުން ކަމަށް މިނިސްޓްރީން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!