ޚަބަރު

ރައީސް އަރިހު ހިދުމަތް ކުރަން ޑިމާންޑު ބޮޑު، އެ ނުތަނަވަސްކަން އެބަ އުޅޭ: އާދަމް ޝަރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން

ރައީސް ޑރ މުހައްމަދު މުއިއްޒު އަރިހުގައި ހިދުމަތް ކުރުމުގެ ފުރުސަތު ނެތުމުގެ ނުތަވަސްކަން ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ މެންބަރުންގެ ތެރޭގައި އެބައޮތް ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ދުވަސްތަކަކަށް ފަހު މިރޭ ކޮންގްރެސް ޕާޓީން ހ.ވެޔޮވިލާ ގައި ބޭއްވި ޖަގަހަ ޖަލްސާގައި ޝަރީފް ވަނީ ރައީސް މުއިއްޒު އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ. ވިދާޅުވީ ރައީސް މުއިއްޒަށްވުރެ "ކޫލް ޕްރެޒިޑެންޓެއް" މިހާތަނަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ސަބަބެއް ކަމަށް ވިދާޅުވީ ކަންތައްތަކުގައި ރައީސް އަމަލުކުރައްވަމުން ގެންދަވާ ގޮތެވެ. މިސާލެއް ނަންގަވައި ޝަރީފް ވިދާޅުވީ ރައީސަށް އަމިއްލަފުޅަށް ނިންމެވޭ ކަންތައްތައްވެސް ނިންމަވަނީ ވަޒީރުންގެ މަޖީލީހާ ޕާޓީގެ ލީޑާޝިޕްގެ އިތުރުން މަޖިލީސް މެންބަރުންގެ މަޝްވަރާގެ މަތިން ކަމަށެވެ. ބައެއް ފަހަރު ރައްޔިތުންގެ މަޝްވަރާވެސް ހޯއްދަވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސުލްހަ މަސްލަސްކަން ހަމަޖެހިފައި އޮތުމުގެ ސިއްރަކީވެސް ރައީސް މުއިއްޒުގެ ޒައާމަތު ވަރުގަދަވުމެވެ. އެއިންވެސް ދޭހަވަނީ ގައުމުގެ ވެރިކަމަށް ރައީސް، "އަރާފޯދިފައި" ހުރި މިންވަރު ކަމަށް ވިދާޅުވި އެވެ.

އަމިއްލަ ތަޖުރިބާއިން ވިދާޅުވީ ރައީސްއާ އެކު މަސައްކަތްކުރައްވަން ހުރިހާ ވަޒީރުންނަށާއި ކުންފުނިތަކުގެ ވެރިންނަށްވެސް ފަސޭހަ ކަމަށެވެ. އެކަމަކު ރައީސްއާ އެކު މަސައްކަތްކުރަން ފުރުސަތު ނުލިބޭ މައްސަލަ ޕާޓީ ތެރޭގައި އޮތް ކަމަށް ވިދާޅުވި އެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި އޮތް މައްސަަލައަކީ، ހަގީގަތުގައި އޮތް މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހުގައި މަސައްކަތްކުރައްވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުންނަށް ފުރުސަތު ލިބިފައި ނެތީމަ އެކަމަކު ނުތަވަސްކަން.

އެކަން ފިޔަވައި ޕާޓީ ތެރޭގައި އެއްވެސް މައްސަލައެއް ނެތްކަން ރައީސް ނެތިވެސް ޖަގަހާގައި ތިބި މީހުންގެ އަދަދުވެސް ހާމަވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ޖަގަހަ ފުރާލުމުން ދޭހަވަނީވެސް ޕާޓީ ވަރުގަދަވުމާއެކު ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރުގެ ޔަގީންކަން ކަމަށެވެ.

"..ކޮންގްރެސް ޕާޓީން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕާޓީގެ ކުލަ ޖައްސާލުމަށް ފަހުގައި ދެން އައި ޕްރައިމަރީތަކާއި ހުރިހާ ކާމީޔާބާ، ރަނގަޅު ނިންމުންތައް ނިންމުމަށް ފަހު، ކޮން ޕާޓީއަކަށްތޯ މިވަރުގެ ކާމީޔާބީއެއް ހޯދޭނީ'' ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ރައީސް މުއިއްޒު ފަހަތްޕުޅުގައި ކަމަށެވެ.

މުސްތަގުބަލުވެސް އޮތީ ކޮންގްރެސް ޕާޓީއާ އެކު ކަމަށާއި، ރާއްޖޭގެ އިސްލާމްދީނާ ގައުމުގެ އިސްތިގުލާލު ދަމަހައްޓާނީ މި ސަރުކާރުން ކަމަށް ވިދާޅުވާ ވިދާޅުވުން ޝަރީފް ތަކުރާރު ކުރެއްވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!