ޚަބަރު

ރައްޔިތުން ބޭނުންވަނީ ކަތީބުން ގެންނަން: ސައުދު

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ (ފޮޓޯ/ މަޖިލީސް)

ލާމަރުކަޒީ ނިޒާމުގެ ދަށުން އިންތިހާބުކުރާ ކައުންސިލްތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށާއި، އެމީހުން ބޭނުންވަނީ އޭގެ ބަދަލުގައި ކަތީބުން އައްޔަނުކުރަން ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަައި ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ސައުދުﷲ ވިދާޅުވީ، ކަތީބު ސިސްޓަމް މާ ރަނގަޅު ކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

"ހަގީގަތުގައި ވަރަށް ގިނަ ރައްޔިތުން އެބަ ބުނޭ، ކަތީބު ސިސްޓަމް މާ ރަނގަޅޭ. ސަބަބަކަށް ވަނީ ކަތީބު ސިސްޓަމްގައި މި އަންނަނީ ތައުލީމެއް ތަޖުރިބާއެއް އޮވެގެން. އެހެންކަމުން އެ މީހުންނަށް އެނގޭ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ވެރިކަން ކުރަން." އޭނާ ވިދާޅުވި އެވެ.

އެއާ ހިލާފަށް، ކައުންސިލްތަކަށް އިންތިހާބުކުރާ ބައެއް މީހުންނަކީ "ކަމަށް އާ އަދި އެހާމެ ޅަ" މީހުންނަށް ވުމުން، މަސައްކަތުގެ ޒިންމާއާ އަހުލާގާ ދޭތޭގައި އެ މީހުން ނުވިސްނާ ކަމަށެވެ.

"އެހެންކަމުން ހަމަ ގިނަ ރައްޔިތުން އަޅުގަނޑު ދަންނަވާނީ ވޯޓެއް ލައިފިއްޔާ، ފެންނަ ނުފެންނަ ވޯތެއް ލައިފިއްޔާ ދިވެހި ރާއްޖޭގެ ގިނަ މީހުން ތާއީދުކުރާނީ ކަތީބު ސިސްޓަމަކަށް. " ސައުދު ވިދާޅުވި އެވެ.

އޭނާ ގޮވާއްލްވީ، ކައުންސިލްގެ ރައީސާ ނައިބު އިންތިހާބުކުރުމަށްފަހު، ދެން ތިއްބަވާ މެމްބަރުންނަކީ އިއުލާނުކޮށްގެން ވަޒީފާއަށް ނަގާ މީހުންނަށް ހެދުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!