ޚަބަރު

 ރުއް ގަހަށް ބަދަލުނުދެވިގެން ފޮއްދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ލަސްވި: މިނިސްޓަރު

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހެލްތް މިނިސްޓަރު ޑރ ހަލީލް / ފޮޓޯ: ހެލްތް

ނ. ފޮއްދޫ ސިއްހީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ލަސްވެފައިވަނީ ސިއްހީ މަރުކަޒު އަޅަން ނިންމި ބިމުގައި ހުރި ރުއް ގަހަށް ބަދަލު ނުދެވިގެން ކަމަށް ހެލްތް މިނިސްޓަރު ޑރ އަބްދުالله ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހަލީލް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އައްބާސް ވިދާޅުވީ ފޮއްދޫއަކީ އާބާދީ މަދު ރަށަކަށްވާތީ ސަރުކާރުތަކުން އެ ރަށުގެ ރައްޔިތުންގެ އަސާސީ ހިދުމަތްތަކުން މަހުރޫމްކޮށްފައިވާ ކަމަށެވެ. އަދި ފޮއްދޫ ހެލްތް ސެންޓަރުގެ މަސައްކަތް ފެށުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވަނީ ކޮން ކަންތައްތަކެއް ތޯ އަދި އަމަލީ މަސައްކަތް ފަށައި ގަތުމަށް ކިހާ ދުވަހެއް ހޭދަވާނެ ތޯ އައްބާސް ސުވާލުކުރެއްވި އެވެ.

އެ ސުވާލުގެ ޖަވާބުގައި ހަލީލް ވިދާޅުވީ އިމާރާތް ކުރުމުގެ ހަމަޖައްސާފައި އޮތް ބިމުގައިވާ ރުއް ގަހުގެ ބަދަލު ދާދިފަހުން ހަމަޖެހިފައިވާ ކަމަށާއި އެއީ އެ މަޝްރޫއު ލަސްވުމަށް މެދުވެރިވި ސަބަބެއް ކަމަށެވެ. އަދި ރުއް ގަހުގެ ބަދަލު މިހާރު ހަމަޖެހިފައިވާއިރު ބައެއް ލިޔެކިޔުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ފޮއްދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރުމަށް 24.8 މިލިއަން ރުފިޔާއަށް ކޮންޓްރެކްޓަރަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އެވަރުގެ ސިއްހީ މަރުކަޒެއް ބިނާކުރުމަށް އެއީ ވަރަށް ބޮޑު އަގެއް ކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވީ ރީޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަލީލް ވިދާޅުވީ މީގެ ކުރިން މަޝްރޫއު ހަވާލުކުރެވިފައިވަނީ އެކަށީގެންވާ ގޮތެއްގައި ޑިޒައިންތައް ހެދިގެން ނޫން ކަމަށެވެ. އަދި ހިދުމަތްތަކާއި ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަލީލް ވިދާޅުވި އެވެ.

އޭގެ ނަތީޖާއަކަށްވާނީ ރައްޔިތުންނަށް ލުއި ފަސޭހަވެ, ދައުލަތަށް އޮތް ބުރަ ކުޑަވުން ކަން ވެސް މިނިސްޓަރު ފާހަގަކުރެެއްވި އެވެ.

"އިރާދަކުރެއްވިއްުޔާ އަޅުގަނޑުމެން މި ބަލަނީ މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަޅުގަނޑުމެންނަށް މި މަސައްކަތް ފެށޭނެ އިންތިޒާމު އަޅުގަނޑުމެންނަށް ކުރެވިގެންދާނެ ކަަމަށް" - މިނިސްޓަރު ހަލީލް

ހަލީލް ވިދާޅުވީ އެ މަޝްރޫއަށް މިހާރު ކަނޑައަޅާފައިވާ ފަންޑިންއަށް ބަލާއިރުގައި ބަޖެޓުގައި ހިމެނިފައި ވަނީ 3.58 މިލިއަން ރުފިޔާ ކަމަށާއި އެއީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ. އަދި އެއީ ދިމާވާ ގޮން ޖެހުމެއް ކަމަށް ހަލީލް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!