ގައުމު ދަރުވާލީ އެމްޑީޕީން، ނުރެކެވޭނެ: ޔާމީން
ރާއްޖޭގެ ދަރަނި އިތުރު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ މިދިޔަ ފަސް އަހަރު ވެރިކަން ކުރި, މިހާރު އިދިކޮޅުގައި އޮތް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީން ކަމަށް ކުރީގެ ރައީސް, ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓުން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން އެމްޑީޕީން ދައްކާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.
"އެމްޑީޕީގެ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ, މިއީ ތިމަންނަމެން އުފެއްދި ދަރަންޏެއް ނޫނޭ, ތިމަންނަމެން އުފެއްދި ދަރަނި ދައްކަން ފަށަން ޖެހޭނީ 2025 އިން ފެށިގެންނޭ. ދަރަނި ފަސްކޮށްލާފައި, ތިމަންނަމެން ނެގި ދަރަނި ދައްކަން ޖެހެނީ 2025 ވަނަ އަހަރަށް ކަމަށްވާއިރު, 2025 އަހަރުގައި ދައްކަން ޖެހޭ ދަރަނި މިދައްކަނީ މިދަރަނީގެ މައްޗަށް. އެހެންވެ 2026 ވަނަ އަހަރު 1.06 ބިލިޔަނަށް ދަރަނި މިއަރަނީ" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ, މިދިޔަ ފަސް އަހަރު އިގްތިސާދީ ގޮތުން ރާއްޖެ ބާރުވެރިކުރުވަން ކުރީ ސަރުކާރުން ކުރި ކަމެއް ނެތް ކަމަށެވެ. ކަމެއް ކުރި ނަމަވެސް, ހިސާބުތަކުން އެކަން އިނގެން ނެތް ކަމަށް ވިދާޅުވި އެވެ. އެގޮތުން އެމްއެމްއޭގެ ރިޒާވް މިދިޔަ ސަރުކާރުގައި އިތުރު ނުވިކަން ފާހަގަ ކުރެއްވި އެވެ.
"މިހާރު މިއޮތް ސަރުކާރުން ބޭކާރު އިސްރާފުތަކެއްކޮށްފިއޭ, ނަމަވެސް މިހާރު މިއުޅޭ ކަންކަމުގެ ބޮޑު ޒިންމާ އަދާކުރަން ޖެހޭނީ, ދަރަނި އަދާކުރުމުގެ އެއްވެސް ކަމެއް ނުކުރުމާ, އިތުުރު ދަރަނި އުފެއްދުމާއި, ނެޓް ރިޒާވް އިތުރު ނުކުރުމުގެ ފަސް އަހަރު" ޔާމީން ވިދާޅުވީ, މިހާރު ދިމާވެގެން އޫޅޭ އުދަގުލަކީ ކުރިން ކަންތައް ކުރި ގޮތުގެ ސަބަބުން ދިމާވާ ކަންތައްތައް ކަމަށެވެ. އަދި މިސާލު ޖައްސަވަމުން ވިދާޅުވީ, މިހާރު މިއޮތީ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓިފައި ކަމަށެވެ.
ޔާމީންގެ ވާހަކަފުޅުގައި މިހާރު ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ވިދާޅުވީ, 2026 ވަނަ އަހަރު ރާއްޖޭގެ ދަރަނި ދެއްކޭ ވަރަށް ރިޒާވްގައި ފައިސާ ނެތް ކަމަށެވެ.
"މިއަހަރު ބޭރަށް މިއޮތް ދަރަނި އަދާކުރުމަށްޓަކައި 512 މިލިޔަން ޑޮލަރު, އަޅުގަނޑުމެންގެ އަތުގައި 490 ޑޮލަރު ހުރީ, 2026 ވަނަ އަހަރު ބޭރުގެ ދަރަނި ދައްކާނެ ފައިސާއެއް ނެތް" ޔާމީން ވިދާޅުވީ, މިކަން ދޮގުކޮށް, ތަފާސް ހިސާބު މިހާރުގެ ގަވަރުނަރު ދައްކައިފިނަމަ އެކަން ގަބޫލު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަތުގައި ދެ މަސް ދުވަހުގެ ކާޑު ގަނެވޭ ވަރަށް ބޭރު ފައިސާ އޮތޭ ވިދާޅުވޭ, އޭރުން ގަބޫލު ކުރާނަން"
ޔާމީންގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރަށާއި އެމްޑީޕީގެ ސިޔާތުތަކަށް ވެސް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ.