ޚަބަރު

ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ އެހެން ޤައުމުތަކަށް ވެސް ހުރި މިސާލެއް: ސައީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެއާއި ޗައިނާއާ ދެމެދުގެ ގުޅުމަކީ އެހެން ޤައުމުތަކުން ވެސް މިސާލެއްގެ ގޮތުގައި ނެގިދާނެ ގުޅުމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ވަޒީރު މިހެން ވިދާޅުވީ "މޯލްޑިވްސް – ސިޗުއާން ޓްރޭޑު އެންޑު އިންވެސްޓުމަންޓު ކޯރޕަރޭޝަން ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖެއާއި ޗައިނާގެ ސިޗުއާން ޕްރޮވިންސްއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ބޭއްވި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ, ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ދެ ޤައުމަށް ވެސް ފައިދާ ހުރި ކަންކަމުގެ މައްޗަށް ބިނާވާ ގުޅުމެއް ކަމަށެވެ. އަދި ސައިޒުން ރާއްޖެ ކިތަންމެ ކުޑަވެފައި, ޗައިނާ ކިތަންމެ ބޮޑަސް, ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ކުރެވޭ އިޙްތިރާމާއި, އެކީގައި މަސައްކަތް ކުރުމުގެ އަޒުމުގެ ތެރެއިން ނިކުތް ގުޅުމެއް ކަމަށް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ, މި ގުޅުމަކީ ޤައުމުތަކަށް އޮތް މިސާލެއް ކަމަށެވެ.

ވަޒީރު ސައީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިން ޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ފެށުން ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު ދެ ޤައުމުގެ ދެމެދުގެ ގުޅުން އިތުރު ހަރުފަތަކަށް އަރައިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ މަހުގެތެރޭ އަމަލުކުރަން ފަށަން ތައްޔާރުވަމުންދާއިރު، މިއާއެކު ވިޔަފާރިވެރިންނަށް ހުރި ފުރުޞަތުތައް ދިވެހި ވިޔަފާރިވެރިންނަށް އެނގެން ޖެހޭ ކަމަށެވެ. އަދި އެ ވުޒާރާއިން ވިޔަފާރިވެރިންނަށް އަމާޒުކޮށް މިކަމާއި ގުޅޭ މައުލޫމާތުތައް ދިނުމަށް ވޯކް ޝޮޕްތަކާއި ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

"ވަރަށް އުފަލާއެކު ދަންނަވަން، އެއްވެސް ޤައުމަކަށް ޗައިނާގެ މިނިވަން ވިޔަފާރީގެ ޕްރޮސެސް ތެރެއިން، ނެގޭނެ އެންމެ ބޮޑު އެޑްވާންޓޭޖު ދިވެހި ރާއްޖެއަށް ނެގޭނެ، އެގޮތަށް ރައީސްގެ ޑރ. މުޢިއްޒުގެ މަސައްކަތްޕުޅު އަދި ތަރައްޤީގެ އަމާޒު ހިއްޕަވާ އަދި ޗައިނާގެ ލީޑާރޝިޕްއާއި ވަނީ ހިއްސާކޮށްފައި." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިނިވަން ވިޔަފާރީގެ ފައިދާ ވިޔަފާރިވެރިންނަށް އެންމެ ބޮޑަށް ލިބޭނެ މަގުތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވަނީ ޗައިނާގެ ބޭންކެއް ރާއްޖޭގައި ހުޅުވުން ކަމަށެވެ. އަދި އެކަމާގުޅޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ޗައިނާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން މުއާމަލާތު ކުރެވޭނެގޮތް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ޑޮލަރަށް ބަރޯސާވުން ކުޑަކުރެވިގެންދާނެ ކަމަށެވެ.

"ޕީޕަލްސް ބޭންކު އޮފް ޗައިނާއާއި އެމްއެމްއޭއާއެކު އެއްބަސްވުން ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. މިކަން މިގޮތަށް ވީމައި، ރާއްޖެއަށް ޗައިނާއިން މުދާ އެތެރެކުރާ ފަރާތްތަކުން، ދިވެހި ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް ފަހިވެގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހަމައެކަނި ސިޗުއާން ޕްރޮވިންސްއިންވެސް 19 މިލިޔަން ރުފިޔާގެ ވިޔަފާރީގެ ފުރުޞަތުތައް އެބަހުރި ކަމަށެވެ. އެހެންކަމުން ވިޔަފާރީގެ ގުޅުންތައް ބަދަހިވެގެންދާއިރު ވިޔަފާރިވެރިންނަށް ފައްސޭހަ މާހައުލެއް ގާއިމްކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!