ޝަހީމް ބަދުނާމުކުރުން މެންބަރުން ކުށްވެރިކޮށްފި
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯ އެއް އާއްމުކޮށް އޭނާ ބަދުނާމުކުރަމުންދާތީވެ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ސަރުކާރު މެންބަރުންނާ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން އެކަން ކުށްވެރިކޮށްފި އެވެ،
އަންހެނަކާއެކު ޝަހީމް ބަދު އަހުލާގީ އަމަލު ހިންގާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ދައުރުކުރުވަން ފެށީ 'އެކްސް' ގައި ސަރުކާރުގެ އެތެރޭގެ މައުލޫމާތު ލީކުކުރަމުންދާ ހަސަން ކުރުސީގެ އެކައުންޓުންނެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ހަދާފައިވާ ވީޑިއޯއެއްކަން ވަނީ އެނގިފަ އެވެ. އަދި އެއީ އެޑިޓެއް ކަމަށް ކުރުސީވެސް ވަނީ ބުނެފަ އެވެ. އޭގެ އަސްލު ވީޑިއޯއިން ފެންނަނީ ޕާކިސްތާނު ދެ މީހުންނެވެ.
އެ ވީޑިއޯއާ ގުޅިގެން ޝަހީމުގެ އަބުރުކަތިލަން މަސައްކަތް ކުށްވެރިކުރައްވާ ރައްޔިތުން މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަހީމަކީ ފުރައްސާރަކޮށް ހަގީގަތާ ހިލާފު އިލްޒާމުތައް އަޅުވައިގެން ފަހަތަށް ޖެއްސޭނެ ބޭފުޅެއްނޫން ކަމަށެވެ.
''އެ އަށްވުރެ ޑރ. ޝަހީމުގެ އަޒުމު ވަރުގަދަވާނެ. އެއީ މިހާތަނަށް ދިވެހިރާއްޖެ ދުށް އެންމެ ގާބިލް އެންމެ ހިންގުންތެރި އިސްލާމިކް މިނިސްޓަރު" އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އެ ވީޑިއޯއަކީ ހަގީގަތާ ހިލާފު ވީޑިއޯއެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ މީހުންގެ ޝަހްސިއްޔަތް ކަތިލުމުގެ ގޮތުން އަބުރަށް އަރައިގަނެ ހަގީގަތާއި ހިލާފު ވާހަކަ ފަތުރަމުންދާ ދިޔުން ބަލައިގަންނަން އުދަނގޫ ކަމަށެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާވިޔަސްް ނަފްރަތު ކުރިޔަސް ހައްދުން ބޭރަށް ގޮސްގެން ނުވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ (ރެޑް ވޭވް) ވިދާޅުވީ ޝަހީމްގެ އަބުރު ކަތިލުމަށް ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަން ކަމުގައި ހައްދު ފަހަނަ އަޅާ ނުދިޔުމަށް ސަލީމް ގޮވާލެއްވި އެވެ.
ސަރުކާރުގެ ވުޒާރާތަކުން ސްޓޭޓް މިނިސްޓަރުންނާ ޑެޕިއުޓީ ވެސް ދަނީ އެ ވީޑިއޯއަކީ ހަގީގަތާ ހިލާފު ވީޑިއޯއެއް ކަމަށް ބުނަމުންނެވެ.
ޝަހީމް ކަމަށް ބުނެ ވީޑިއޯއެއް ދައުރުވަމުންދާއިރު އޭނާ އަތުގައި އޮތީ ފޭކް ޕީއެޗްޑީއެއް ކަމަށް ބުނެވެސް ވާހަކަތަކެއް ވަނީ ދައުރު ކުރުވަން ފަށާފަ އެވެ.