ޚަބަރު

އެމްއެމްއޭއަށް އެމްޑީން ގިނަކުރުމަކީ އިތުރު މާލީ ބުރައެއް: ނާޒިމް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރު އައްޔަންކުރަން ނިންމުމުން އެމްއެންޕީގެ ރައީސް  މުހައްމަދު ނާޒިމް ފާޑުވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގައި މާފަންނު އުތުރު ދާއިރާ ތަމްސީލްކުރައްވާ މެންބަރު ނާޒިމް ވިދާޅުވީ އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން ހަމަޖެއްސުމަކީ ދައުލަތުން އުފުލަން ޖެހޭ އިތުރު ބުރައެއް ކަމަށެވެ.

"އެހެންކަމުން ހަރަދު ކުޑަކުރުމުގެ ގޮތުން ލީޑާޝިޕް ސްޓްރަކްޗާ ހަރުދަނާ ކުރުމަށް އެމްއެމްއޭގެ ގަވަރުނަރަށް އިލްތިމާސްކުރަން،" ނާޒިމް ވިދާޅުވިއެވެ.

އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރަން ނިންމާފައިވަނީ އޮތޯރިޓީގެ އޮނިގަނޑަށް ގެނައި ބަދަލާ އެކީ އެވެ.

އެ ބޭންކުން ބުނެފައިވަނީ ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރަން ނިންމީ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ، ހެޔޮ ނަތިޖާތަކެއް ނެރެވެން ޖެހޭ ކަމަށް ފެންނާތީ ކަމަށެވެ.އަދި އެމްއެމްއޭ ހަރުދަނާ ކުރުމަށް ގެނައި ބަދަލާއެކުގައި އޮތޯރިޓީގެ ބައެއް މަގާމުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

އެމްޑީންގެ މަޤާމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 50,000 އާއި 55,000 ދެމެދުގެ އަދަދެއް ލިބެއެވެ.އަދި މި މަގާމަށް ޝަރުތު ހަމަވަނީ އެމްއެމްއޭގައި ނުވަތަ ފައިނެންސް ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ.

އަދި ފައިނޭންސިން ނުވަތަ ވިޔަފާރީގެ ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ އަދި މާސްޓަސް ޑިގްރީ ފެންވަރު ހުރި ފަރާތަކަށް ވުމާއެކު، ހިންގުމުގެ ދާއިރާގެ މަގާމެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ފުރިހަމަވާން ޖެހެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!