ޚަބަރު

ޣައްޒާގެ ސްކޫލަށް ދިން ހަމަލާ ކުށްވެރިކޮށް ރައީސް: ހަނގުރާމަ ހުއްޓާލަން އިޒުރޭލުން ނޫޅޭ!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާ ރައީސް މުއިއްޒު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައި/ ފޮޓޯ: ދެން

އިޒުރޭލުން ފަލަސްތީނުގެ ޣައްޒާގެ ސްކޫލަކަށް އަމާޒުކޮށް ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުށްވެރިކުރައްވައިފި އެވެ.

Ads by STELCO

އިޒުރޭލުން ދެމުންގެންދާ ހަމަލާތަކުން ހިމާޔަތް ހޯދަން ޣައްޒާގެ ރައްޔިތުންތަކެއް ވަދެ ތިބި ސްކޫލަކަށް ފަތިސް ގަޑީ ބޮން އަޅާ 100 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެ އެވެ.

އެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ކުށްވެރިކޮށްފައި ވަނިކޮށް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަލް-ތާބިއީން ސްކޫލުގައި ހިމާޔަތަށް އެދިގެން ތިބި އަންހެނުންނާ ކުޑަކުދިންނާ އަދި އުމުރުން ދުވަސްވީ މީހުން ޝަހީދުވެ އަދި ޒަހަމްވެފައިވާ މަންޒަރުތަކަކީ ވަރަށް ބިރުވެރި މަންޒަރުތަކެއް ކަމަށެވެ.

އިޒުރޭލުން ދެމުންގެންދާ ހަމަލާތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނީއްސުރެ 39،000 އަށްވުރެ ގިނަ ފަލަސްތީނުގެ މައުސޫމް ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

"ހަނގުރާމަ ހުއްޓާލަން އިޒްރޭލުން އެއްވެސް މަސައްކަތެއް ކުރާ މަންޒަރެއް ނުފެނޭ" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުން ވަގުތުން އަމަލުކޮށް, އިޒުރޭލުން ޖަވާބުދާރީކޮށް އާންމު ރައްޔިތުން ހިމާޔަތްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އިޒުރޭލުގެ ހަމަލާތަކުން މިހާތަނަށް ޣައްޒާގެ 39,790 މީހަކު ޝަހީދުކޮށްލާފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!