ޚަބަރު

ގަރާޖުތަކުން ބޭރުވާ ތެލުން ބަލިތައް އިތުރުވާތީ މޭޔަރުގެ ކަންބޮޑުވުން!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މާލޭ މޭޔަރު އާދަމް އާޒިމް، ކައުންސިލުގެ ބައްދަލުވުމެއްގައި/ ފޮޓޯ: ސިޓީ ކައުންސިލް

މާލޭގައި ހުންނަ ގަރާޖުތަކުން ބޭރުވާ ތެލާއި، ސްޕޭރޭއިން ބަލިތައް އިތުރުވާތީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Ads by STELCO

މޭޔަރު އެ ކަންބޮޑުވުން ފާޅުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް ހުށަހެޅުއްވި ކަމެއްގެ ގޮތުގަ އެވެ.

އެގޮތުން މޭޔަރު ވިދާޅުވީ މާލޭގައި އެކި ތަންތަނުގައި ވޯކްޝޮޕްތަކާއި ވެހިކަލް ގަރާޖްތަކާއި ވަޑާންގެ ފަދަ އެތައް ތަނެއް އެބަ ހުރި ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ގަރާޖަކާ ދިމާލު މަގުމަތީ އެއްކޮށް އޮންނަނީ ސައިކަލުތަކާއި ކާރުތައް ކަމަށާއި އެކަން ކުރަމުން ދަނީ ރޫޅައިގެން ސްޕެއާ ޕާޓްސްތައް ނަގައިގެން ކަމަށެވެ.

ވެހިކަލް ގަރާޖުތަކާއި ވޯކްޝޮޕްތައް ނެތި މާލޭގެ ރައްޔިތުންނަށް ދިރިނޫޅެވޭނެ ކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ އެތަންތަން ހުރި ތަނަކީ ރައްޔިތުން އެތައް ބައިވަރު ބަލިތަކެއްގެ ތެރެއަށް ހުޅުވިގެންދާ ކަމެއް ކަމަށެވެ.

"ހާއްސަކޮށް ފުއްޕާމޭގެ މައްސަލަތައް އިތުރުވެގެން މިދަނީ މިކަމާ ހުރެ" - މޭޔަރު

އެކަމަށް ރަނގަޅު ހައްލެއް ގެނެއުމަށްޓަކައި އިންޑަސްޓްރިއަލް ޒޯނުގައި ވީހާވެސް އަވަހަކަށް ވަގުތީ އޭރިއާއެއް ހަދައިގެން ބަދަލުކުރަން ޖެހޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެމްޕީއެލްއާ ހަވާލުކޮށްފައި އޮތް ރަސްމީ ތަން ނިމެންދެން ވެސް ވަގުތީ ތަނަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އެހެން ނޫނީ އެތަންތަނުގައި ބޭނުންކުރާ ސްޕްރޭތަކާއި ތެލުން ވަރަށް ބޮޑެތި މައްސަލަތައް ނިކުންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!