މޭޔަރު ފާހަގަ ކުރެއްވީ ލާމަރުކަޒީ ނިމާޒު ހަރުދަނާ ކުރަން ރައީސް ކުރައްވާ މަސައްކަތް
މިއީ މާލެ ސިޓީ ކައުންސިލާ ރައީސުލްޖުމްހޫރިއްޔާއަކު ބައްދަލުކުރާ ފުރަތަމަ ފަހަރު ކަމަށާއި، އެކަމާ އުފާ ކުރައްވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވާ އާޒިމް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކައުންސިލަށް ވަޑައިގަތުމުންނެވެ.
ރައީސް މިއަދު މާލެ ސިޓި ކައުންސިލަށް ވަޑައިގެންފައިވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވަން ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިންނެވެ. އެހެން ކައުންސިލްތަކުގެ އަޑު އައްސަވާ ފަދައިން މާލޭ ސިޓީ ކައުންސިލްގެ އަޑު އެއްސެވުމަށްޓަކައި ކުރެއްވި ޒިޔާރަތެކެވެ.
އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އާޒިމް ވިދާޅުވީ ރައީސްގެ އަމިއްލަ އިސް ނެންގެވުމުގެ މަތިން ކައުންސިލާ ބައްދަލުކޮށްދިނުމަށް އެދިވަޑައިގެންނެވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން މޭޔަރު ފާހަގަކުރެއްވި އެވެ. އަދި ރައީސް މާލެ ސިޓީ ކައުންސިލާ ރަސްމީކޮށް ބައްދަލުކުރެއްވުމުން ފާހަގަވެގެންދަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ތަކެއް ކުރުމަށް ރައީސް އިސްނަންގަވަމުންދާ ކަން ކަމަށް މޭޔަރު ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ރައީސްއަކު މާލެ ސިޓީ ކައުންސިލާ ރަސްމީކޮށް ވަޑައިގެން ބައްދަލުކުރާ ފުރަތަމަ ފަހަރު. ފާހަގަވެގެން މިދަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ތަކެއް ކުރުމަށް ރައީސް އިސްނަންގަވަމުން ދާކަން." - މޭޔަރު
މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް މޭޔަރު ވަނީ ރައީސް އަށް ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައާއި ސަހަރާތައް ފުރޭތީ އެކަމަށް ހައްލެއް ހޯދައިދެއްވުމަށްވެސް މޭޔަރު އެދިވަޑައިގެންނެވި އެވެ.
އުދަ އަރަމުންދާ މައްސަލައާއި މާލޭގެ މަގުތަކަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް މޭޔަރު އެދިވަޑައިގެންނެވި އެވެ.
މޭޔަރުގެ ކަންބޮޑުވުންތަކަށް ރައީސް ވަނީ އުންމީދު ދެއްވާފަ އެވެ.