ޚަބަރު ސިއްޙަތު

ބަލިތައް ރިޕޯޓުކުރާ އަދަދު ދަށްވިޔަސް އެޗްޕީއޭއިން އެދެނީ ސަމާލުވާން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތައް ރިޕޯޓުކުރާ އަދަދު ނިމިދިޔަ މަހު ދަށަށް ދިޔަ ނަމަވެސް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

Ads by Hajj Corporation

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު އަންގައިދޭ ޖުލައި މަހުގެ ތަފާސް ހިސާބުތައް އެޗްޕީއޭއިން މިހާރު ވަނީ އާންމުކޮށްފަ އެވެ.

މިދިޔަ ޖޫން މަހާ އަޅާބަލާއިރު، ޖުލައި މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވަނީ މަދުވެފަ އެވެ. ޖޫން މަހު 798 މީހަކަށް ބަލި ޖެހިގެން ރިޕޯޓުކުރިއިރު، ޖުލައި މަހު ރިޕޯޓުކޮށްފައި ވަނީ 556 މީހެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު 569 މީހަކަށް ބަލި ޖެހިގެން ރިޕޯޓުކުރިއިރު، ޖުލައި މަހު އެ އަދަދު 304 މީހުނަށް އިތުރުވި އެވެ.

މި އަހަރުގެ ޖޫން މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 32،738 މީހުންނެވެ. ޖުލައި މަހު 30،293 މީހުނަށް ބަލި ޖެހިގެން ރިޕޯޓުކުރި އެވެ. މިދިޔަ އަހަރުގެ ޖޫން މަހު 25،749 މީހަކަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، ޖުލައި މަހު 23،206 މީހުން ރިޕޯޓުކުރި އެވެ.

އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޖުލައި މަހު ޓެސްޓްކުރި މީހުންގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ. އެހެންނަމަވެސް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ވަނީ ދަށްވެފަ އެވެ. ޖުލައި މަހު 100 މީހަކު ޕޮޒިޓިވްއިރު، ޖޫން މަހު 139 މީހުން ޕޮޒިޓިވްވެފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ޓެސްޓުކުރެވުނު 1،943 ސާމްޕަލްގެ ތެރެއިން 394 ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ.

ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ޖުލައި މަހު ވަނީ ދަށްވެފަ އެވެ. ޖޫން މަހު 5،179 މީހަކު ރިޕޯޓުކޮށްފައިވެ އެވެ. ޖުލައި މަހު ރިޕޯޓުކޮށްފައި ވަނީ 5،053 މީހުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހު 3،328 މީހަކަށް ބަލި ޖެހިގެން ރިޕޯޓުކުރިއިރު، ޖުލައި މަހު އެ އަދަދު 7،384 އަށް އިތުރުވި އެވެ.

ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން އާންމުކޮށް ފެންނަ މި ހަތަރު ބަލި، އާބާދީގެ ކޮންމެ 10،000 މީހުންގެ ނިސްބަތުން ބަލި ޖެހިފައިވާ މީހުންގެ މިންވަރާ އަޅާބަލާއިރު:

  • ޑެންގީ ހުން: ރ އަދި ދ އަތޮޅުގައި ހުން ވަނީ އިތުރުވެފައި
  • ބޭރަށް ހިންގުން: މާލެ އޭރިއާގެ އިތުރުން ށ، ކ، އއ، އދ، ފ، ދ އަދި ޏ އަތޮޅުގައި އިތުރު
  • ވައިރަލް ހުން: ގިނަ އަތޮޅުތަކުގައި ވަނީ އިތުރުވެފައި
  • އަރިދަފުސް ރޯގާ: ގިނަ އަތޮޅުތަކުގައި ވަނީ އިތުރުވެފައި

މިދިޔަ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު މި ހަތަރު ބަލި ރިޕޯޓުކުރެވުނު އަދަދު ވަނީ ދަށްވެފަ އެވެ. އަރިދަފުސް ރޯގާ ޖެހިގެން ޖޫން މަހު ރިޕޯޓުކޮށްފައި ވަނީ 32،738 މީހުންނެވެ. ޖުލައި މަހު ރިޕޯޓުކުރީ 30،293 މީހުނެވެ. ވައިރަލް ހުން ޖެހިގެން ޖޫން މަހު 17،340 މީހުން ރިޕޯޓުކުރިއިރު، މިދިޔަ މަހު ރިޕޯޓުކޮށްފައި ވަނީ 12،018 މީހުންނެވެ. ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ޖޫން މަހު 5،179 މީހުން ރިޕޯޓުކޮށްފައިވެ އެވެ. ޖުލައި މަހު ރިޕޯޓުކުރީ 5،053 މީހުނެވެ. ޑެންގީ ހުން ޖެހިގެން ޖޫން މަހު 798 މީހުން ރިޕޯޓުކުރިއިރު، މިދިޔަ މަހު ރިޕޯޓުކޮށްފައި ވަނީ 556 މީހުންނެވެ.

އެޗްޕީއޭއިން ވަނީ ޑެންގީ ހުމާއި އަރިދަފުސް ރޯގާ އާއި އިންފްލުއެެންޒާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މަދުވި ނަމަވެސް އެފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!