ރިޕޯޓް ސިޔާސީ

ކޮރަޕްޓު ވަނީ ގާނޫނު ނެތިގެނެއް ނޫން، ދަސްކުރަންވީ ޒިންމާ ނަގަން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ހަވާސާއިން ބޭރުންގެ މިހަފްތާގެ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދެވެ. ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ނުވަތަ ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހިމް މުހައްމަދު މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތާއި އެ ކުންފުނިތައް ޒިންމާދާރު ކުރުވުމާއި ގުޅޭގޮތުންނެވެ.

Ads by STELCO

މީގެ އިތުރުން ދާއިރާއަށްޓަކައި މަސައްކަތް ކޮށްދިނުމުގެ މުހިންމުކަމާއި އެހެނިހެންވެސް ސިޔާސީ ދާއިރާގެ ވާހަކަތައް އޭނާ ދެއްކެވި އެވެ. މިހާ ހިސާބުން ތަފްސީލަށް ޖެހިލާނަމެވެ.

 

އެސްއޯއީތަކުގެ ހާލަތު ވަރަށް ދަށް

ސަރުކާރު ބަދަލުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ބޮޑަށް ދައްކަމުންދާ އެއް ވާހަކައަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކުގެ ހާލަތު ދަށްކަމުގެ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ނައިބު މުގައްރިރުކަންވެސް ކުރައްވާ އިބްރާހިމް ވިދާޅުވީ 11 ކުންފުންޏެއް ހިންގަމުން ދަނީ ގެއްލުމުގައި ކަމަށެވެ. މީގެ ތެރެއިން ބައެއް ތަންތަނަކީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ތަންތަނެވެ. އެހެންވެ އެކުންފުނިތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ދާން ޖެހެ އެވެ.

"އަޅުގަނޑުމެން އައިއްސަ ސަރުކާރާ ހަވާލުވީއިރުގަ އަޅުގަނޑުމެން ހީކުރިވަރަށްވުރެއް މާ ބޮޑެތި ކޮރަޕްޝަންތައް އެސްއޯއީތަކުން ހިނގާފަ ހުރިކަން އަޅުގަނޑަށް ފާހަގަކުރެވޭ"

މެމްބަރު ފާހަގަކުރެއްވީ އޭގެ ތެރެއިން ދެ ކުންފުންޏެކެވެ. އެއީ ފެނަކަ އާއި އާރުޑީސީ އެވެ. މަޖިލީހުގައި ކުރިއަށްދަނީ މިފަދަ ކޮރަޕްޝަންގެ ކަންކަން ބަލައި އަންގަންޖެހޭ އިދާރާތަކަށް އެންގުމެވެ.

އެސްއޯއީ ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރައްވާ އިބްރާހިމް މުހައްމަދު ވިދާޅުވީ 11 ކުންފުންޏެއް ހިނގަނީ ގެއްލުމުގައި ކަމަށް

އެސްއޯއީ ކޮމިޓީއަށް އާޑުރީސީގެ ވެރިން ހާޒިރު ކުރީ މިދިޔަ ހަފްތާ އެވެ. އެ ކޮމިޓީގައި ކުންފުނީގެ މިހާރުގެ މެނޭޖުމެންޓުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އެއްވެސް ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މިކަންކަން މިގޮތަށް ހިނގާދިޔައިރު ޕީސީބީ އާއި އޮޑިޓާ ޖެނެރަލް ފަދަ މުއައްސަސާތައް ކޮބައިތޯ އިބްރާހިމް މުހައްމަދު ސުވާލު އުފެއްދެވި އެވެ.

މިސަރުކާރު ހަވާލުވިއިރު އާރުޑީސީގައި ހުރީ އެންމެ ހަތަރު މިލިއަން ރުފިޔާ އެވެ. މިކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ އެފައިސާއަކީ ހަމައެކަނި މުސާރަ ދޭން ބެލިޔަސް ނުފުދޭނެ އަދަދެއް ކަމަށެވެ.

"މީގެ ކުރިން ތިން ފަހަރެއްގެ މަތިން އާރުޑީސީގެ ތިޖޫރީ ގެއްލުނު ވާހަކަވެސް އަޅުގަނޑުމެން އަޑު އަހައިފިން ދެއްތޯ. އެހެންމަ ތިޖޫރީ ގެއްލުމުންވެސް އާރުޑީސީ މިއޮތީ ރެކޯޑު ހަދައިފަ ދެއްތޯ"

ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަންތައް ހިންގާފައިވަނީ ހަމައެކަނި އެކުންފުނިތަކުގެ މުވައްޒަފުން ނޫން ކަމަށާއި އޭގައި ފިނޭންސް މިނިސްޓްރީގެ އިހުމާލު އޮތްކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިއީ ސަރުކާރުން ގުޅިގެން ހިންގާފައިވާ ޖަރީމާތަކެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސިފަކުރެއްވި އެވެ.

އެހެންނަމަވެސް ސަރުކާރުން މިހާރު ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ކުންފުނިތައް ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަމުން ކަމަށް ވިދާޅުވި އެވެ. އަދި ފައިދާގައި ހިންގާ ތަންތަނަށް އެކުންފުނިތައް ބަދަލު ކުރަން ސަރުކާރުން މަސައްކަތް ކުރާކަމަށްވެސް މެމްބަރު ވަނީ ވިދާޅުވެފަ އެވެ.

 

ކޮރަޕްޓު ވަނީ ގާނޫނު ނެތިގެނެއް ނޫން

"އަޅުގަނޑު ދަންނަވާނީ ގާނޫނު ނެތިގެނެއް ނޫނޭ ތަންތަނުން މި ވައްކަން ކުރަނީ"

ނާޖާއިޒު ގޮތުގައި ކުންފުނިތަކުން ފައިދާ ނަގަމުން ދަނީ ގާނޫނުތަކާއި ގަވާއިދުތައް ނެތިގެން ނޫންކަމަށް މެމްބަރު ވިދާޅުވި އެވެ. އެހެންނަމަވެސް މިހާރު ހުރި ގާނޫނުތައް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ވައްކަން ކުރާ މީހުން ހޯދާނީ ގާނޫނުތަކުގައި ހުންނަ ލޫޕްހޯލްތަކެވެ. އެހެންކަމުން މުހިންމު ކަމަކީ ޒިންމާދާރުވުން ކަމަށް އިބްރާހިމް މުހައްމަދު ފާހަގަކުރައްވަ އެވެ. އެސްއޯއީ ކޮމިޓީގެ މަސްއޫލިއްޔަތަކީ ކުންފުނިތައް ހިންގުން ނޫންކަމަށާއި އެހެންނަމަވެސް ގާނޫނާ ހިލާފަށް ކަމެއް ހިނގާކަމުގައި ވަނީނަމަ އެކަމެއް ބަލައި ޒިންމާދާރު ކުރުވުމަށް މުއައްސަސާތަކަށް ދެންނެވުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުތައް ހަރުދަނާ ކުރިޔަސް ކޮރަޕްޝަން ހުއްޓުވޭނީ ޒިންމާދާރުވެގެން ކަމަށް މެމްބަރު އިބްރާހިމް މުހައްމަދު ވަނީ ވިދާޅުވެފައި

ކުންފުނިތައް ޒިންމާދާރުވުމުގެ އިތުރަށް އެންޓި ކޮރަޕްޝަން ކޮމިޝަންފަދަ ގާނޫނުން ޒިންމާ މަތިކޮށްފައިވާ މުއައްސަސާތަކުން ގާނޫނު ތަންފީޒު ކުރާނަމަ ކޮރަޕްޝަން ހުއްޓުވިދާނެ ކަަމަށް މެމްބަރު ދެކެވަޑައިގަންނަވަ އެވެ.

މިސަރުކާރުގެ މަގްސަދަކީ ކުރީ ސަރުކާރުގެ ވާހަކަ އަބަދު ދެއްކުމެއް ނޫނެވެ. އެހެންނަމަވެސް ކޮރަޕްޝަނެއް ހިނގާފައިވާނަމަ އެވާހަކަ ދެއްކުމަކީ ޒިންމާއެއްކަމަށް އިބްރާހިމް މުހައްމަދު ދެކެވަޑައިގަންނަވަ އެވެ. އެއީ ދައުލަތުން ނަގާ ކޮންމެ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށް ވާތީ އެވެ.

 

ހާރިޖީ ސިޔާސަތުގެ ހާމަކަން ބޮޑު

ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން އިދިކޮޅުގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަށެވެ. ކޮންގްރެސް ޕާޓީ އިދިކޮޅުގައި އޮތްއިރު އަވައްޓެރި އިންޑިއާގެ ސިފައިންގެ މައްސަލައިގައި ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންދިޔުމަށްފަހު ވެރިކަމަށް ވަޑައިގެން އެގައުމާއި ގާތް ގުޅުމެއް ބާއްވާތީ އިދިކޮޅުން ފާޑު ކިޔަ އެވެ. މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ހާރިޖީ ސިޔާސަތު އޮތީ ވަރަށް ހާމަކަން ބޮޑުގޮތެއްގައި ފެންނާށެވެ.

"އަޅުގަނޑުމެންނާ އިންޑިއާއާ ޖައްސަންވެގެން ބަޔަކު ވާހަކަތަކެއް ދައްކަމުން ދިޔަ. އެހެންނަމަވެސް ﷲގެ ރަހުމަތާއެކު އިންޑިއާއާއެކު މިހާރު ވަނީ އެތައް ގުނައަކަށް ގުޅުން ރަނގަޅު ކުރެވިފަ"

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބެވެ. މިހެންވުމުން ހާރިޖީ ސިޔާސަތު ހަރުދަނާ ވުމަކީވެސް މުހިންމު ކަމެކެވެ. މެމްބަރު ވިދާޅުވީ ޗައިނާއާއެކު އޮތް ގުޅުން ރަނގަޅުވުމުގެ ނަތީޖާއަކީ މުޅިން އަލަށް ޗައިނާގެ އެތައް މަންޒިލްތަކަކަށް ސީދާ ދަތުރުތައް ފެށުމެވެ. މީގެ ސަބަބުން ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މިދިޔަ ޖުލައި މަހާއި ހަމައަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރާތް ކުރުމަކީ ހެއްކެކެވެ. މެމްބަރު ވިދާޅުވީ މިއަހަރަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ފަތުރުވެރިންގެ އަދަދަށްވުރެއް އިތުރަށް ފަތުރުވެރިން ޒިޔާރާތް ކުރާނެކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ. މިކަމަށްޓަކައި އެކި ގައުމުތަކުގައި ފެއާތައް ކުރިއަށް ގެންދިޔުމާއި މަޝްވަރާތައް ކުރިއަށް ގެންދެވޭ ކަމަށްވެސް އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

 

މެމްބަރު އިބްރާހިމް މުހައްމަދު ދެން އޮންލައިންގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ

 

އެންމެ އިސް ވާޖިބަކީ ދާއިރާ ތަމްސީލު ކުރުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ގާނޫނުތައް ހެދުމާއި ޖުމްލަކޮށް މުޅި ރައްޔިތުންނަށްޓަކައި މަސައްކަތްތަކެއް ކޮށްދިނުމަކީ ޒިންމާ އެކެވެ. އެއާއެކުވެސް އެ މެމްބަރަކު އިންތިހާބުވެވަޑައިގަންނަވާ ދާއިރާގެ ހައްގުގައި އަޑު އުފުލުމަކީވެސް ވަރަށް މުހިންމު މަސައްކަތެއް ކަމަށް އިބްރާހިމް މުހައްމަދުވެސް ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ އެންމެ އިސް ވާޖިބަކީ ދާއިރާއާއި ރަށް ތަމްސީލު ކުރުމެވެ.

ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ތިން މެމްބަރުންވެސް ވަރަށް ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރަށުގެ ތަރައްގީއަށް މަސައްކަތްތަކެއް ކޮށްދިނުމަށްކަމަށް ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކަށް މެނިފެސްޓޯގައި ކަނޑައަޅުއްވާފަވާ ކަންތައްތައް އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މި ފަސްއަހަރުގަ ﷲގެ ރަހުމަތާ އެއްކޮށް އެވައުދުތައް ފުއްދަވާނެ"

ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އެގޮތުން މަގުތަކުގެ ކާނުތައް ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދާތާ ދުވަސްތަކެއް ވެއްޖެކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ދާކަން އޭނާ ފާހަގަކުރެއްވި އެވެ. އެމަސައްކަތަށް ބޭނުންވާ ފައިސާ ލިބި، މިހާރު ކުރިއަށްދަނީ ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތެވެ.

އިބްރާހިމް މުހައްމަދު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން މުޅި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ ކޮންމެ މަސައްކަތެއްގައި ފުރިހަމަ އެއްބާރުލުން ދޭން ޖެހެ އެވެ. އެހެންކަމުން އިސްލާމް ދީނުގެ އުސޫލުތަކާއި ހިލާާފު ނުވާނެހެން ކުރާ ކޮންމެ މަސައްކަތެއް ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!