ޚަބަރު

ބާވެ، ބޮލަށް ވެއްޓެންވެފައި ހުރި ރަބީއުވިލާ ތަޅާލަނީ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ކުރިއަށް ދަނީ/ ފޮޓޯ: ޕީއެސްއެމް

ބާވެ, ބޮލަށް ވެއްޓެންވެފައި ހުރި މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ފަށައިފި އެވެ.

Ads by Sosun Fihaara

ސިޓީސް, ލޯކަލް ގަވަމަންޓް އެންޑް ފަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު މިރޭ "އެކްސް'' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ކުރަމުންދަނީ އެ އިމާރާތުގެ ސަބަބުން މީހަކަށް ނުރައްކަލެއް ލިބިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދު ދެއްވާފައިވާތީ ކަމަށެވެ.

ފަސް ފަންގިފިލާގެ ހިމެނޭ އެ ގޭގައި މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ. އެ ރޭ އަލިފާން ރޯވެފައިވަނީ އެ ގޭގެ 4 ވަނަ ފަންގިލާގަ އެވެ.

އެ ހާދިސާއާ ގުޅިގެން އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ މީހުން ދިރި ނޫޅާތާ ގިނަ ދުވަސް ވެ، ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ ގެއެއްގައި ކަމަށެވެ. އަދި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެ ހާދިސާއަށް ފަހު މޭ 16 ވަނަ ދުވަހު މާލެއިން ގެއްލިގެން ހޯދަމުންދިޔަ 30 އަހަރުގެ ޒުވާނަކު އެ ގޭގެ ތިރީ ފަންގިފިލާގައި މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.

މ. ރަބީއުވިލާ އަކީ ބާވެ ތަޅާލަން ޖެހިފައިވާ ގެއަކަށްވާތީ 2019 ވަނަ އަހަރުގެ ތެރޭގައި އިތުރު 10 ގެއަކާއެކު ސަރުކާރުން އިއުލާނުވެސް ކުރި އެވެ.

ދާދިފަހުން ބޭއްވި ބައްދަލުވުމެއްގައި ސިޓީށް މިނިސްޓްރީން ވަނީ މާލޭ ސިޓީގައި ބާވެފައި ހުރި ދެ އިމާރާތެއް ތަޅާލުމުގެ މަސައްކަތަށް އެކަމާ ގުޅުން ހުރި ކުންފުނިތަކުގެ އެހީތެރިކަމަށް އެދިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!