އަގުބޮޑު ލެންސަކާއި ކެމެރާއެއް ނެތަސް ފޮޓޯ ނެގުމުގެ ހުނަރު ދައްކުވައިދޭ ސަމާ
ކުލަގަދަ އުދަރެހުގެ މަންޒަރުތަކާއި ރަށުގެ ގޮނޑުދޮށުގައި ޖެހިފައިވާ ރާޅުތަކުގެ ހިތްގައިމު މަންޒަރުތަކެވެ. އިސްރަށްވެހިންގެ ނަލަ މޫނުތަކުން ފެށިގެން ތުއްތު ކުދިންގެ ހަރަކާތްތަކެވެ. ހަފްލާތަކާއި ކާތަކެއްޗެވެ. އާމިނަތު ސަމާ (ބަބްލީ) ނަގާ މި ފޮޓޯތައް ވަރަށް ފުރިހަމަ އެވެ. ފޮޓޯ ނަގާފައިވާ އެންގަލުން ފެށިގެން ފޯކަސް ދީފައިވާ ގޮތެވެ.
އެކަމަކު އެއީ އަގު ބޮޑު ލެންސްއަކާއި ކެމެރާއަކުން އޭނާ ކުރާ ކަމެއް ނޫނެވެ. މި ވާހަކަ ލިޔަން ޖެހުނީ އެހެންވެ އެވެ. ސަމާގެ ވާހަކައިގެ ހާއްސަ ކަމަކީ އެއީ އެވެ. ފޮޓޯ ނަގަން އޭނާ ގެންގުޅޭ އާލާތަކީ ފޯނެކެވެ. ފޯނުން ނަގާ ފޮޓޯތަކުން އޭނާގެ ހުނަރު ވަރަށް ރަނގަޅަށް ވެސް އެބަ އަންގައިދެ އެވެ.
ނަމަވެސް ޅަފަތާއި މަދަރުސީ ހަޔާތުގައި ސަމާ ވިސްނި ވެސް ކަމެއް ނޫނެވެ.
ނަރުހަކަށްވާން ކުރި އުންމީދު ފަސްޖެހުނީ ހީވެސް ނުކުރާ ފަދައިން!
ނ. ލަންދޫއަށް އުފަން, އުމުރުން 30 އަހަރުގެ ސަމާގެ މަދަރުސީ ތައުލީމް ނިންމާލީ ރަށު ސްކޫލުން ގްރޭޑް 10 އަކުންނެވެ.
އިތުރަށް އޭނާ ތައުލީމް ހާސިލްކުރީ އޮފީސް މެނޭޖްމެންޓް ދާއިރާއިންނެވެ. އެ ދާއިރާއިން ކިޔެވިޔަސް ކުޑައިރުއްސުރެ ދެކޭ ހުވަފެނެއް އޮތެވެ. އެއީ ނަރުހަކަށްވުމެވެ. އެ އުންމީދުގައި ކުލަޖެއްސުމަށް 2019 ވަނަ އަހަރު ސަމާ ދަތުރު ފެށީ ވަރަށް އުންމީދާއެކު އެވެ.
ކުޅުދުއްފުށީ ސިޓީގައި ހިންގަމުންދާ ގައުމީ ޔުނިވާސިޓީގެ ކެމްޕަހަކުން ނަރުސްކަމުގެ އެޑްވާންސް ކޯހެއްގައި ބައިވެރިވިތާ މާ ގިނަ ދުވަސްތަކެއް ނުވެ, ކޯސް ދޫކޮށްލަން މަޖުބޫރުވި އެވެ. އަލަތު ދަރިފުޅަށް ބަލިވެ އިނުމާއެކު އެނދުމަތިވާން ޖެހުނެވެ. ޑިޕްރެޝަންއާ ވެސް ކުރިމަތިލާން ޖެހުނީތީ އެވެ..
"އެ ދުވަސް ކޮޅަކީ ވަރަށް ކަޅު މާޒީއެއް, ޑްރީމް ގިވަޕްކުރަން ޖެހި, ކުރިންވެސް ޑިޕްރެޝަންއާއި އެންޒައިޓީއާ ކުރިމަތިލާން ޖެހުނު"
ފިރިމީހާ ހަދިޔާކުރި ފޯނުން ފެށުނު ފަންނީ ދަތުރު
ނަރުހަކަށް ވުމުގެ ހުވަފެން ހުވަފެނެއްގެ ގޮތުގައި އޮތަސް ދެން ހަޔާތުގެ މިސްރާބު ޖެހީ މުޅީން އާ ކަމަކަށެވެ. އާ އުންމީދަކާ އެކީގައި ފަންނީ އާ ދަތުރެއްގެ ފެށުމަކަށެވެ. އެ ދަތުރު މިހާ ހިސާބަށް އޮތީ ކިތަންމެހާ ވެސް ކާމިޔާބުކޮށެވެ.
"ލެޓްސް ޝޫޓް" ނަމުގައި ސަމާ ހަދާފައިވާ އިންސްޓާގްރާމް އެކައުންޓަކަށް ޕޯސްޓްކުރަމުންދާ ފޮޓޯތަކަކީ ޑީއެސްއާރްއެލް ކެމެރާއިން ނަގާފައިވާ ފޮޓޯތަކަށް ވެސް ދޫނުކުރާނެހާ ރީތި ފޮޓޯތަކެކެވެ.
ސްކޫލް ދުވަސްވަރު ނަރުސް ކަމަކީ އޭނާގެ ހުވަފެނަށް ވިޔަސް އޭރު ވެސް ފޮޓޯ ނެގުމަކީ އޭނާ ވަރަށް ކުރާ ކަމެކެވެ.
ސްކޫލް ދައުރުގައި އެކުގައި އުޅޭ ކުދިން ނަލަހައްދައިގެން ފޮޓޯ ނެގުމަށް ދިން ޝައުގުވެރިކަމެވެ. "ޕިންޓްރަސްޓް" އިން ފެންނަ ފޮޓޯ އެއިންނަ ގޮތަށް ނަގަން ކުރި މަސައްކަތެވެ. ގޭގައި ތައްޔާރުކުރާ ކާތަކެތީގެ ފޮޓޯ ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކުނު ދެކުމެވެ. އެކަންކަމަކީ އޭނާގެ ހުނަރުގެ ފެށުމެވެ. މިހާ ހިސާބަށް ވާސިލުވުމުގެ އަސްލެވެ.
"ކިތަންމެ ސިމްޕަލް ކަމެއް ވިޔަސް ފޮޓޯ ނަގަން. އެހެންވެ މަންމަ ކިޔާނީ ވެސް ފޮޓޯ މޮޔައޭ، އެއްކަލަ ފޮޓޯ މޮޔަ, ފޮޓޯ ނުނަގަ ނުވާނެ އެއްކަމެއް،"
2022 ވަނަ އަހަރު ސަމާގެ ފިރިމީހާ އޭނާއަށް ހަދިޔާއަކަށް ދިން 13 ޕްރޯ މެކްސް ފޯނުން ރައްޓެއްސެއްގެ އެދުމުގެ މަތިން ފުރަތަމަ ނެގީ ގްރެޖުއޭޝަން ފޮޓޯ ޝޫޓެކެވެ. އެ ފޮޓޯތައް އިންސްޓާގްރާމްގައި ޕޯސްޓްކުރުމުން ގިނަ ބަޔަކަށް އެ ފޮޓޯތައް ކަމުގޮސްގެން ފޮޓޯ ނަގަން އެދުނު ކަމަށް ސަމާ ކިޔައިދިނެވެ.
އެއަށްފަހު ސަމާ ނެގީ ކުޑަކުއްޖެއްގެ ފޮޓޯ ޝޫޓެކެވެ. އެ ފޮޓޯ ޝޫޓްވެގެން ދިޔައީ ގިނަބައެއްގެ "ފެވްރިޓަށް" ކަމަށް ސަމާ ބުންޏެވެ. ފޮޓޯއަށް ވަކިން އިންސްޓަގްރާމް ޕޭޖެއް ހަދަން ވިސްނީ ދެނެވެ.
"ކުޑައަގެއްގައި ފެށީ. ވަކި ޓައިމް ލިމިޓެއް ނީންނާނެ. ވަކި އަދަދެއް ނީންނާނެ ފޮޓޯގެ. ބޭނުންވާ ހިސާބަށް ވާސިލުވަންދެން ޕޮޓޯ ނަގަން. ކުދިންނަށް ތަންކޮޅެއް އެފޮޑަބަލްކޮށް. އެ ކުދިންގެ މެމޮރަބަލް މުވްމެންޓްގެ ފޮޓޯ ނަގައިދިނުން އަނެއްހެން ބުނަންޏާ މަގްސަދަކީ"
ކައިވެނި ހަފްލާތަކާއި އެހެނިހެން ބޮޑެތި ހަފްލާތަކުން ފެށިގެން އެކި އެކި މުނާސަބަތުގައި ބާއްވާ ޕާޓީގެ ފޮޓޯތައް ނެގުމުގައި ވެސް ސަމާގެ ހުނަރު މިހާރު ދަނީ ބޭނުންކުރަމުންނެވެ. ރަށާއި އަތޮޅުގެ އެހެން ރަށްރަށަށް ގޮސް ވެސް އެ ހުނަރު ދަނީ ދައްކަމުންނެވެ.
ފޮޓޯ ނަގަން އަންނަ ކުދިން ފޮޓޯ ޝޫޓަށް ތައްޔާރުވުމަށް ލާނެ ހެދުމާއި ހެދުން ލާނެ ކުލައިން ފެށިގެން ގޮސް ތީމްތައް ވެސް ކަނޑައެޅުމުގައި ސަމާގެ ހިޔާލު މިހާރު ހޯދަ އެވެ. ލަންދޫ ކައުންސިލު އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން ބުރަ ތާވަލުން ވަގުތު ހުސްކޮށް މީހުންގެ އުފާވެރި މަންޒަރުތަކުގައި ކުލަ ޖައްސައި އެ ދެނީ ސަމާގެ ކުޅަދާނަ ހުނަރުންނެވެ.
ކައިވެނީގެ ހަފްލާއެއްގެ ފޮޓޯ ނަގަން އެ އަތޮޅު ކުޑަފަރީއަށް ގޮސް ހުރިއިރު ދިމާވި މަޖާކަމެއް ސަމާ ހިއްސާކުރި އެވެ. ސަމާ ބުނީ ކޮންމެ މީހަކުވެސް ފޮޓޯ ނަގަން ގޮސް ހުއްޓިލާފައި ކެމެރާމަން ހޯދާ ކަމަށާއި ފޯނުން ފޮޓޯ ނަގާތީ އާ ކަމަކަށް ވެގެން އުޅުނު ކަމަށެވެ.
ފޮޓޯ ނެގުމާއި އެޑިޓްކުރުމަކީ ވެސް އަމިއްލައިން އިންޓަނެޓްގެ އެހީގައި ސަމާ ދަސްކުރި ކަންކަމެވެ. އެކި ދިރާސާތައް ކޮށް, އެކި ކަހަލަ ތަޖުރިބާތަކުން ގިނަ ކަންކަން ސަމާއަށް ދަސްވެފައިވެ އެވެ. އަދި ފޮޓޯ ނަގަން އަންނަ މީހުންނާ ގާތްގުޅުމެއް ބާއްވަން މަސައްކަތްކުރާކަން ސަމާ ފާހަގަކުރި އެވެ.
"އިންނާނެ ވައިޓް ހެދުމެއް ލާފައި އިން މެޓާނިޓީ ޝޫޓެއް. ބާތް ޓަބައެއްގައި. ދެޓްއިސް ސޯ ފާ ވަން އޮފް މައި ބެސްޓް ޝޫޓް އެ ޝޫޓަށް ދެ މަސް ކުރިން ތައްޔާރުވާން ފެށިން"
ފޮޓޯއަށް މީހުން ތައްޔާރުކޮށް, ޕޯސްކުރާ ފޮޓޯތަކަށްވުރެ ލައިވް މަންޒަރުތައް ނެގުމަށް ސަމާގެ ޝައުގުވެރިކަން ބޮޑެވެ. އުމުރުން ދުވަސްވީ މީހުންގެ ހަރަކާތްތައް އޭނާއަށް ވަރަށް ހާއްސަ އެވެ. ގަޑިއަކަށް ތަނަކަށް ދާން ދާއިރުވެސް އެފަދަ މަންޒަރެއް ނުނަގާ ދިއުން ވަނީ ސަމާއަށް އުނދަގޫ ކަމަކަށެވެ.
އެގޮތުން "ރެންޑަމް ޝޮޓްސް" ގެ ގޮތުގައި އޭނާ ވަކި ހާއްސަ އިސްކަމެއްދީގެން އެ ފަދަ ފޮޓޯތައް ނަގާ ފޯސްޓް ކުރެ އެވެ.
އަގުބޮޑު ކެމެރާއެއް ސަމާއަށް މުހިއްމެއް ނޫން!
ފޯނުން ފޮޓޯ ނަގާތީ ގިނަ ބަޔަކު ކުރާ ސުވާލަކަށް ވެފައިވަނީ ކެމެރާއެއް ގަންނާކަށް ސަމާ ނުވިސްނަނީ ތޯ އެވެ. އެ ސުވާލުގެ ޖަވާބު ސަމާ ދިނީ ތަފާތު ގޮތަކަށެވެ.
"ކެމެރާއެއް ގަތުމުގެ ވިސްނުން ވަރަށް ބޮޑަށް އެބަހުރި. އެކަމު ކެމެރާ އިސް ނޮޓް ރިއަލީ ނެސެސަރީ. އަނެއްހެން ބުނަންޏާ އެކަމެއްވާނެ. ކޮންމެހެން ބޮޑު ސިންގާ އަގު ދީފައި ކެމެރާއެއް ގަތުން އިސް ނޮޓް އިމްޕޯޓަންޓޭ."
ނަމަވެސް މުސްތަގުބަލުގައި ކެމެރާއެއް ގަތުމުގެ ވިސްނުން އޭނާ ގެންގުޅެ އެވެ.
ސަމާގެ އެ މަސައްކަތުގައި މީހުންގެ ފަރާތުން ލިބޭ ކޮންޕްލިމެންޓާއި އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރެ އެވެ.
ސަމާގެ ވާހަކައަކީ ހިތްވަރާއި އަޒުމުގެ ނަތީޖާ ދައްކުވައިދޭ ލާމަސީލު ނަމޫނާއެކެވެ. ޒަމާންވީ ހުވަފެނުގައި ކުލަ ނުޖެހުނު ނަމަވެސް ފަހަތުފަޔަށް ބުރަވުމެއް ނެތި ކުލަ ޖައްސައިދެމުން އެ ދަނީ އެހެން މީހުންގެ އުފާވެރި މަންޒަރުތަކުގަ އެވެ.