ޔާމީންގެ ބާތިލުކުރި ހުކުމް ބަލަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް, އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ކުރި ހުކުމާ ގުޅިގެން އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
އެ މައްސަލަ ބުދަ ދުވަހަށް ތާވަލްކޮށްފަައިވާކަން އެ ކޯޓުން "ދެން އޮންލައިން" އަށް ކަށަވަރުކޮށްދީފައިވެ އެވެ.
ޑިސެންބަރު 25, 2022 ގައި އެ މައްސަލާގައި ހިމެނޭ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވި އެވެ.
އެ މައްސަލާގެ އިސްތިއުނާފްގެ މަރުހަލާގައި މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ އެ ހުކުމް ބާތިލުކޮށް އެ މައްސަލަ ދަށު ކޯޓުން އަލުން ބަލަން އަމުރުކޮށްފަ އެވެ. އަދި އެ މައްސަލާގައި ހިމެނޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް, ދަށު ކޯޓުން އަލުން ބަލަން އަމުރުކުރި އެވެ.
ޖަލުގައި ހުންނަވަނިކޮށް މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު ޔާމީން ގެކޮޅަށް ބަދަލުކުރައްވާފައި ވަނީ ނޮވެންބަރުމަހުގެ ތެރޭގަ އެވެ. އަދި އެ މަނިކުފާނު މިނިވަންވެ ވަޑައިގެންނެވިއިރު ހުންނެވީ ރަށު ބަންދެއްގަ އެވެ.
ބުދަ ދުވަހަށް އެ މައްސަލަ ތާވަލްކޮށްފައިވާއިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގައިފައިވާ ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން އަންގާރަ ދުވަހަށް ތާވަލުކޮށްފައިވެ އެވެ.
ދެން މިރާއްޖޭގެ ނިކަމެތި ރައްޔިތަކަށް ކޯޓްތަކުން ކޮންމެކަމެއްވެސް ކޮށްފާނެ. ތިޔަ މައްސަލަ ދުވަހަކުވެސް ނިމުމެއް ނެތެއްްނު. މާދަމާ ކޯޓުން ގޮތެއް ނިންމާއިރަށް ސްޕްރީމް ކޮޓުން ބާތިލްކޮށްފަ އަލުން ބަލަން ައމުރު ކޮށްފާނެ