ޚަބަރު

ރައީސްގެ ސިޓީއެއް ޕްރިންސް ސަލްމާނަށް، ރާއްޖެ-ސައުދީ ސިޔާސީ މަޝްވަރާ ފަށަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސްގެ ސިޓީފުޅު ސައުދީ ފޮރިން މިނިސްޓަރަށް އަރުވަނީ

ރަސްމީ ދަތުރެއްގައި ސައުދި އަރަބިޔާ އަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމަން ބިން އަބްދުލް އަޒީޒަށް މިއަދު އަރުވައިފި އެވެ.

Ads by Sosun Fihaara

ރައީސްގެ އެ ސިޓީފުޅާ ހަވާލުވެވަޑައިގެންނެވީ ސައުދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާދް އެވެ. ފޮރިން މިނިސްޓްރީން މިރޭ އާއްމުކުރި ޕްރެސް ރިލީޒެއްގައި ބުނީ، ސައުދީގެ ވެރިރަށް ރިޔާދުގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ދެމެދު ބޭއްވި ބައްދަލުވުމުގައި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވި ކަަމަށެވެ.

ރާއްޖެ-ސައުދީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ފަސޭހަ ވަގުތެއްގައި ރާއްޖެއާއި ސައޫދީއާ ދެމެދުގައި ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބުރު ބޭއްވުމާ ބެހޭ ގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ސައޫދީން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެ ދަތުރަށްފަހު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ބައްދަލުވުމުގައި ޒަމީރުގެ އަރިހުގައި އެމްބެސެޑާ އެޓް ލާޖް އަހްމަދު ނަސީރާއި ޖޮއިންޓް ސެކްރެޓަރީ ބަދުރާ ސައީދާއި ޑިރެކްޓާ ޖެނެރަލް އާއިޝަތު ފަރީނާއާއި ސައުދީ ގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޗާގޭ ޑި އެފެއާޒް އަހުމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!