ވަގުން އުޅެނީ ގާނޫނަށްވުރެ މާ ކުރީގައި: ސައުދުالله
ގާނޫނަށް ބަދަލު ގެނަޔަސް ވައްކަންކުރާ މީހުން އެއަށްވުރެ މާ އެޑްވާންސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުالله ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
ސައުދުالله އެހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގަ އެވެ.
ކުޑޫ ހުށަހެޅުއްވި އެ އިސްލާހުގައި ބުނާ ގޮތުން ސްކޭމްގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި ފައިސާ ހިފެހެއްޓޭނެ ބާރު ފުލުހުންނަށް ދެވެ އެވެ.
ސައުދުالله ވިދާޅުވީ ކުޑޫ ހުށަހެޅީ ރަނގަޅު އިސްލާހެއް ކަމަށާއި ވަރަށް ގިނަ ސްކޭމްތައް އެކި ސިފަ ސިފައިގައި ރާއްޖޭގައި ހިނގަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް މައްސަލައަކީ ސްކޭމް ކޮށްގެން ހޯދާ ފައިސާ އެކައުންޓުން އަނެއް އެކައުންޓުތަކަށް ޖަމާކޮށް ބޭނުންކުރުން ކަމަށް ސައުދުالله ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފަދަ ކަންތައްތަކުން ސަލާމަތްވުމަށްޓަކައި ގާނޫނު އިސްލާހަށް ގެނެވިއްޖެނަމަ ކޮންމެ މީހަކުވެސް އެކަމާ ދޭތެރޭގައި ވިސްނާނެ ކަމަށެވެ. އަދި ސްކޭމުން ހޯދާ ފައިސާ އެކައުންޓުން ނަގައިގެން އެ ބޭނުން ކުރުމުގެ ކުރިން އެ އެކައުންޓްތައް ހޯލްޑްކޮށްގެން އެ ފައިސާ އަނބުރާ ލިބޭނެ ގޮތެއް އޮތްތޯ ބެލުމަކީވެސް ކޮންމެ ރައްޔިތަކަށްވެސް މުހިއްމު ކަމެއް ކަމަށް ސައުދުالله ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންގެ ދުނިޔޭގެ ކަންތައްތައް ހަމަޖެހިފައި އޮތް ގޮތުން ކުރީގައި އެބުނާ ފަދައިން ކޮންމެ އެޅުވުމަކަށް ނެއްޓުވުމެއް އޮންނާނެއޭ ބުނާ އުސޫލުން އަޅުގަނޑުމެން ގާނޫނު ކިތަންމެ ބޮޑަށް ފަރުމާކުރިޔަސް. އަދި ގާނޫނަށް ކިތަންމެ ބޮޑެތި ބަދަލުތަކެއް ގެނަޔަސް ވަގުން އެއަށްވުރެ އެޑްވާންސް ވެގެންދާނެ"
ސައުދުالله ވިދާޅުވީ ވަގުން "އެޑްވާންސް" ވެގެންދާ ދިއުމަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ފުލުހުންނަށް އެފަދަ ބާރުތަކެއް ދެވިއްޖެނަމަ ގިނަ ބައެއްގެ ފައިސާ ރައްކާތެރި ކުރެވޭނެ ކަމުގެ ޔަގީންކަން ފުލުހުންނަށް އޮންނާނެ ކަމަށް ސައދުﷲ ގަބޫލުކުރައްވަ އެވެ.
ވަގުން ވައްކަން ކުރަނީ އެކަން ކުރަން ޖާގަ ދިނުމުން.