މިނިސްޓަރު ވިދާޅުވީ މި އުޅެނީ މިޔަރު ބާނަން ހުއްދަދޭން ނޫން ކަމަށް
ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމަށް ދެވޭ ހުއްދަ އަކީ މިޔަރު ބާނަން ދޭ ހުއްދަ އެއް ނޫން ކަމަށާއި، އިގްތިސާދީ ގޮތުން ގައުމު ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް ލޭނު މަސްވެރިކަމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރީނދޫ އުރަހަ ކަންނެލި އަދި ލޯބޮޑު ކަންނެއްޔާއި ހިބަރަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމަށް ކެބިނެޓުން ނިންމައި އެކަމަށް ހުއްދަ ދިނުމަށްޓަކައި ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ވަނީ ފަށާފަ އެވެ. ލޭނު މަސްވެރިކަންކުރަން ހުއްދަ ދޭން ނިންމާފައިވާތީ ރާއްޖޭގެ އިތުރުން ބޭރުގެ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފިޝަރީޒް މިނިސްޓްރީން އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ޕްރެސްބްރީފިން އެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަން ވެގެންދާނީ އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
"ލޭނު މަސްވެރިކަމަކީ ދިވެހި ގައުމަށްވެސް މި ވަގުތު ވަކިން ހާއްސަކޮށް މާލީ މި ކަހަލަ ހާލަތެއް އޮތް ވަގުތެއްގައި އާމްދަނީ އިތުރުކުރުމަށްޓަކައި، ވަކިން ހާއްސަކޮށް އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި ކުރެވޭނެ މުހިއްމު މަސައްކަތަކަށްވާތީއާއި އެކީގައި" ޝިޔާމް ވިދާޅުވި އެވެ.
ލޭނު މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދޫކުރަން އެކުލަވާލާފައިވާ ގަވާއިދާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން މިނިސްޓަރު ވިދާޅުވީ ލޭނު މަސްވެރިކަމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައިވެސް ކޮށް އުޅޭ މަސްވެރިކަމަށްވާއިރު އެއީ ރާއްޖެއަށްވެސް އާމްދަނީ އިންތިހާ އަށް އިތުރުކުރެވެން އޮތް ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ކަޅުބިލަ މަހުގެ މަސްވެރިކަންކުރާއިރު އޭގައި އޮތް އެންމެ ސަސްޓެއިނަބަލް ނުވަތަ އޭގައި އޮތް އެންމެ ރަނގަޅު މެނޭޖްމެންޓެއް އެޕްލައި ކުރެވޭތޯ މި ބަލަނީ" މިނިސްޓަރު ވިދާޅުވި އެވެ.
ލޭނު މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އިތުރުން ތިމާވެށީގެ ޖަމިއްޔާތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެމުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ލޭނު މަސްވެރިންކަން ކުރިއިރުވެސް ފަތުރުވެރިކަމަށް އަސަރުކޮށްފައި ނުވާ ކަމަށެވެ. ދެން ވެސް ލޭނު މަސްވެރިކަމުގެ ސަބަބުން ފަތުރުވެރިކަމަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް ގަބޫލެއް ނުކުރައްވަ އެވެ.
"ދިވެހިރާއްޖޭގައި މީގެ ކުރިން ކުރަމުން ދިޔަ ކަންތައްތަކެއް އެއަށްވުރެ ރަނގަޅަށް ކުރެވޭތޯ މިއުޅެނީ، އެއަށްވުރެ ހަރުދަނާ ރަނގަޅު ފިޔަވަޅުތަކަކާ އެކީގައި އަދި ހަމައެއާ އެކު ދިވެހިންނަށް އޭގެ ފުރުސަތު އިންތިހާ އަށް ތަށްމިން ބޮޑު ގޮތަކަށް މިކަން ކުރެވޭތޯ އަޅުގަނޑުމެން މި އުޅެނީ" ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ނިންމުން ދިފާއުކޮށް ވިދާޅުވި އެވެ.
ލޭނުގައި ޖެހޭ މިޔަރު މަދުކުރުމަށް އެކުލަވާލާފައިވާ ގަވާއިދުގައި ހިމެނޭއިރު އެއާ އެއްގޮތަށް އުޅަނދުތަކުން އަމަލުކުރާނެ ކަމުގެ ކިހާ ޔަގީންކަމެއް އެބައޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިންވެސް ލޭނު ގައި ޖެހެނީ ކޮން ބާވަތެއްގެ މިޔަރެއް ކަމެއް ނުވަތަ ކޮން ސްޕީޝީޒްގެ މިޔަރެއް ކަން ނޭނގޭ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިޔަރަކީ ލޭނު މަސްވެރިކަމުގައި ޓާގެޓްކުރާ މަހެއް ނޫން. މިޔަރު ބާނަކަށް ނޫން ލޭނު މަސްވެރިކަން ހުޅުވާލަނީ" - ޝިޔާމް
ލޭނު އެޅުމާ ދެކޮޅަށް ކުރާ ކެމްޕޭނަށް ރައްދު
ލޭނު އެޅުމާދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކަށް ރައްދުދެމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތޮލިބު ވިދާޅުވީ ޖަމިއްޔާތަކުން ހިންގާ ކެމްޕޭނަކީ އެހެން މަގުސަދެއް ހާސިލުކުރަން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
"... ފުރަތަމަ ބޮއިލައިން ސެޓް ވަނީ 60 މީޓަރު އަޑީގައި، އޭގެ އިތުރުން މި އިންނަ ކޮޅު-ލައިން އިންނަނީ 45 މީޓަރު އަޑީގައި މުޅި އެތި ނިމޭއިރު އެބަދޭ 150 މީޓަރު އަޑިއަށް އެ ހިސާބުން މިޔަރު ޖެހޭނެ މިޔަރު ނުޖެހުމަކީ ވެދާނެ ކަމެއް ނޫން، ޖެހޭ ޕަސެންޓަކީވެސް ގާތްގަނޑަކަށް ބާނަ މަހުގެ 2 ޕަސެންޓް" މުއްތޮލިބު ވިދާޅުވީ ލޭނުގައި ޖެހި މަރުނުވާ މިޔަރުތައް ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށެެެވެ.
"އަޅުގަނޑުމެންނާ ދެކޮޅަށް ކުރާ ކެމްޕޭނުތަކަކީ އަޅުގަނޑުމެން އެއްވެސް ގޮތަކަށް ގަބޫލުނުކުރަން މި މަސްވެރިކަމުން ލިބިދާނެ ގެއްލުމަށްޓަކައި ކުރެވޭ ކެމްޕޭނެކޭ" ލޭނު މަސްވެރިކަމަކީ ރާއްޖެއަށް ނުހަނު މުހިއްމު ކަމެއްކަން ފާހަގަކޮށް މުއްތޮލިބު ވިދާޅުވި އެވެ.