ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރާން އެމްއެފްޑީއޭ އެކްޓިވޭޓްކުރަނީ
ގާނޫނުގެ ދަށުން ރައްޔިތުންގެ ކާބޯތަކެތީގެ ރައްކާތެރިކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަށަވަރު ކުރާނެ ކަމަށާއި، ގާނޫނާ ހިލާފުވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދު ﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާއި ބެހޭ ގާނޫނާއި ގުޅޭ ގޮތުން އެޗްޕީއޭއާ އެމްއެފްޑީއޭ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކާތަކެތި އުފައްދާ މީހާ އަކީ ބޭރު މީހެއް ނަމަ އެއީ ރާއްޖޭގައި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ މީހެއްކަން ޔަގީންކުރާނެ ކަމަށެވެ. އަދި ކާބޯތަކެތި ތައްޔާރުކުުރުމުގައި ގަވާއިދާ ހިލާފަށް އުޅޭ މީހާ އަކީ ގަވާއިދާ ހިލާފު އުފައްދާ ބޭރު މީހަކަށް ވެއްޖެއްޔާ އެމީހާ ޑީޕޯޓްކުރާނެ ކަމަށެވެ.
"އަދި އެމީހަކީ ރާއްޖޭގެ ގާނޫނުގެ ތެރެއިން އަދަބު ކަނޑައެޅޭ މީހެއް ނަމަ ވެއްޖިއްޔާ އެކަންވެސް އަޅުގަނޑުމެން ކުރާނަން"
އެހެން ވަޒީރުންވެސް ވިދާޅުވާ ފަދައިން ހަލީލުވެސް ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި އިޖުތިމާއި ބޮޑެތި މައްސަލަތަކުގެ އަސްލަކީ ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ކަމަށެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ގަވައިދާ ހިލާފު ގިނަ ކަންކަން ފާހަގަވެގެންދާކަން ވެސް ހަލީލް ފާހަގަކުރި އެވެ.
"ހާއްސަކޮށް، އިލީގަލް އިމްގްރޭޓްސްއާ ގުޅޭ ގޮތުން މި ފާހަގަކުރެވޭ ކަންތައް ތަކުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް މި ފެންނަނީ ކާބޯތަކެތީގެ މައްސަލަތައްވެސް އާދަޔާ ހިލާފަށް ބޮޑުވެފައި އޮތް ތަން"
އާންމު ސިއްހަތުގެ ގާނޫނާ ހިލާފުވެގެން މިދިޔަ 8 މަސް ތެރޭގައި ކާބޯތަކެތީގެ ވިޔަފާރިކުރާ 14 ތަނެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ އެ ޕްރެސްގައި ފާހަގަކުރައްވާފަ އެވެ.