ޑޮލަރުން ޓެކްސް ނަގަން ފެށުމުން 40-80 މިލިއަންގެ ފޮރިން ކަރަންސީ އިތުރުވާނެ: ސައީދު
ޑޮލަރުން ޓެކްސް ނަގަން ފެށުމުން 40 މިލިއަން ޑޮލަރާއި 80 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސައީދު އެހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ޑޮލަރުން ނަގަން ވަޒީރުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ނިންމެވުމާ ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސައީދު ވިދާޅުވީ ރައީސް އެންމެ އިސްކަމެއް ދެއްވާ މަސައްކަތަކީ ދައުލަތުގެ ރެވެނިއު އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުމާއި ފޮރިން ކަރަންސީ ރާއްޖޭގައި ހިފެހެއްޓޭނެ އިތުރު ގޮތްތައް ހޯދުން ކަމަށެވެ. އަދި އެއީ ނިމިދިޔަ އެއްވެސް ސަރުކާރެއްގައި ކުރެވިފައިވާ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް ޕެންޝަނާއި އާމްދަނީ ޓެކްސް އަދި އިމްޕޯޓް ޑިއުޓީ ޑޮލަރުން ދައްކާ ގޮތަށް ބަދަލުކުރުމުން ބޮޑު އަދަދަކުން ފޮރިން ކަރަންސީ އިތުރުވެގެންދާނެ ކަމަށެވެ.
" މިދަނީ މަސައްކަތް ކުރަމުން އަންދާޒާކުރެވޭ ވެލިއުތަކެއް ހުރީ އޭގެ ތެރޭގައި 40-80 މިލިއަން ޑޮލަރާ ދެތެރޭ އަދަދުތަކެއް މިހުރީ. --- އެ ބޭންޑްގެ ތެރޭގައި އަޅުގަނޑުމެންނަށް އަންދާޒާކުރެވޭ ދައުލަތަށް އިތުރުވާ ފޮރިން ކަރަންސީ އިތުރުވެގެންދާނެކަން"
ރާއްޖޭގައި 950 ފޮރިން އިންވެސްޓްމަންޓް ތިބިކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އޭގެތެރެއިން 500 އިންވެސްޓްމަންޓަކީ ޓޫރިޒަމްގެ ވިޔަފާރިން ކަމަށެވެ. އަދި ޑޮލަރުގެ އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތައް އަޅާނީ އެ ފަރާތްތަކުގެ މަޝްވަރާގެ މަތިންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.