ޚަބަރު

"ލޭނު މަސްވެރިކަމާ އެކު މަސްވެރިކަމުން ލިބޭ އާމްދަނީ 120 މިލިއަން ޑޮލަރަށް އިތުރު ކުރެވިދާނެ"

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފިޝަރީޒް މިނިސްޓަރު ޝިޔާމް: ވިދާޅުވީ ލޭނު މަސްވެރިކަމާ އެކު މަސްވެރިކަމުން ލިބޭ އާމްދަނީ 120 މިލިއަން ޑޮލަރަށް އިތުރު ކުރެވިދާނެ ކަމަށް

ލޭނު މަސްވެރިކަމާ އެކު މަސްވެރިކަމުން ލިބޭ އާމްދަނީ 120 މިލިއަން ޑޮލަރަށް އިތުރު ކުރެވިދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

ސަރުކާރު ހިންގާ މައި ޕާޓ، ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ ކަނޑުރޯދިން ލިބޭ ނަފާ ވަރަށް ބޮޑަށް އިތުރު ކުރުމަށް ކަމަށެވެ.

އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަ ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަމަށެވެ.

އެކަމަށް ހުޅުވާލާ ސަރަހައްދުތަކަކީ ވިޔަފާރި އުސޫލުން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ މަގު ތަނަވަސްވެފައިވާ ސަރަހައްދުތަކަށް ވާނެކަން ފާހަގަކުރެއްވި އެވެ. ވިދާޅުވީ މެރިކަލްޗަ އާ ގުޅުންހުރި ކަރުދާހެއް އަންނަ ހަފުތާގައި އޮންނަ ކެބިނެޓް ބައްދަލުވުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތަށް އަނެއްކާވެސް ހުޅުވާލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. ލޭނު މަސްވެރިކަމަކީ 1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

"ލޯބޮޑު ކަންނެއްޔަކީ ދުނިޔޭގެ ބާޒާރުގައި ވަރަށް އަގު ރަނގަޅު ޓޫނާގެ ބާވަތެއް. އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ލޯބޮޑު ކަންނެލީގެ މަސްވެރިކަން ނުކުރެވި މިދަނީ،" ޝިޔާމް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކާ ހުރެ މަސްމަހާމެހީގެ އުޅުމަށް އަންނަ ބަދަލަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި ލޭނުގެ މަސްވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރެވިދާނެ ކަމަށް ފެންނާތީ އެކަމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ލޭނު މަސްވެރިކަމާ ގުޅުންހުރި ގަވާއިދުގެ ޑްރާފްޓަށް އާންމުންގެ ހިޔާލު މިހާރު ހޯދާފައިވާ ކަމަށެވެ.

އަންނަ ފެބްރުއަރީ މަހު ލޭނު މަސްވެރި ކަމަށް ހުޅުވާލަން ގަސްދުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މަސްވެރިކަން ފެށުމުގެ ކުރިން ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާތަކާއި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. "މިކަން ވީހާވެސް ރައްކާތެރިކޮށް އަދި ވީހާވެސް ގިނަ ދިވެހިންނަށް ހަރަކާތްތެރިވެވޭނެ ގޮތަކަށް ބައްޓަން ކުރެވޭނެ،" ކަމަށް ވިދާޅުވި އެވެ.

އެންމެފަހުން ރިކޯޑު ކުރެވިފައިވާ ތަފާސް ހިސާބަށް ބަލާއިރު މަސްވެރިކަމުގެ ސިނާއަތުން ދައުލަތަށް 92 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

"92 މިލިއަން ޑޮލަރުގެ އާމްދަނީއެއް މަސްވެރިކަމުގެ ސިނާއަތުން ޖެނެރޭޓްކުރާ ކަމަށްވަންޏާ ލޯންގްލައިން އަޅުގަނޑުމެނަށް ތައާރަފު ކުރެވިގެން މި ބަލަނީ 100 ނޫނީ 120 މިލިއަން ޑޮލަރު އިތުރަށް ޖެނެރޭޓް ކުރެވިދާނެ ކަމަށް،" ޝިޔާމް ފާހަގަކުރެއްވި އެވެ.

ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމުމާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކާ އަދި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ޕެޓިޝަނެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

Ads by Ooredoo
  1. ރަސީދު

    ކިތައްމެ އުފާވެރި ހިނިތުންމެއްގާހުއްޓަސް ލޭނު މަސްވެރިކަމުން ދިވެހި ދައުލަތަށް ލިބޭނީ ސައްތައިންސައްތަގެއްލުން