ހަވާސާއިން ބޭރުން: 19 އަހަރާއެކު އުރީދޫ ރައްޔިތުންނާ ގާތަށް
ވަތަނިއްޔާގެ ނަމުގައި ރާއްޖެއަށް މީގެ 19 އަހަރު ކުރިން ތައާރަފުވެގެން އައި ޓެލެކޮމިއުނިކޭޝަން ކުންފުންޏަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ކުންފުންޏެވެ. ގަތަރަށް ނިސްބަތްވާ އެ ކުންފުނީގެ ނަން ފަހުން ވަނީ އުރީދޫގެ ނަމަށް ބަދަލުކޮށްފަ އެވެ. އުރީދޫގެ ހިދުމަތް ހޯދާ އެތައް ހާސް ރައްޔިތުންނެއް މިހާރު ރާއްޖޭގައި އެބަ ތިއްބެވެ.
އުރީދޫގެ 19 ވަނަ އަހަރީ ދުވަހާއި ދިމާކޮށް "ދެން އޮންލައިން" ގެ ޕޮޑްކާސްޓުގައި ބައިވެރިވެލެއްވީ އެކުންފުނީގެ އެސިސްޓެންޓް މެނޭޖަރ، ބްރޭންޑް ނާއިފާ ޖިހާދެވެ. އޭނާ ވަނީ އުރީދޫގެ ހިދުމަތްތަކުގެ ތެރެއަށް އަލަށް އިތުރުވެގެންދާ ޕެކޭޖުތަކާއި އާ ޕްރޮގުރާމްތަކުގެ ތަފްސީލުތައް މި ޕްރޮގުރާމުގައި ދެއްވައިފަ އެވެ.
ރާއްޖޭގެ 60 އިންސައްތައަށް ފައިވް ޖީ
ވޭތުވެ ދިޔަ ދިގު މާޒީގައި ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ޓޫޖީ އިން ފެށިގެން ގޮސް މިހާރު މިވަނީ ފައިވް ޖީ އާއި ހަމައަށް ތަރައްގީވެގެން ގޮސްފަ އެވެ. މިއިން ކޮންމެ ނެޓްވޯކެއްވެސް އެންމެ ފުރަތަމަ ފޯރުކޮށްދިނުމުގެ ޝަރަފު އުރީދޫއިން ލިބިގަނެ އެވެ.
"ފައިވް ޖީ އަޅުގަނޑުމެން ތައާރަފުކޮށްފަވާނީ 2020 ވަނަ އަހަރު. އޭރުގަ މާލެއަށް އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދިނީ"
ނާއި ވިދާޅުވީ ފައިވް ޖީގެ ހިދުމަތް ދޭން ފެށިތާ ތިން އަހަރުގެ ތެރޭގައި މުޅި ގްރޭޓާ މާލެ ސަރަހައްދަށް ހިދުމަތް ދޭން ފެށިކަމަށެވެ. މިއަހަރު އުރީދޫގެ 19 ވަނަ އަހަރީ ދުވަހާއި ދިމާކޮށް މި ހިދުމަތް މިވަނީ އިތުރަށް ފުޅާކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ 60 އިންސައްތަ ރަށްތަކަށް ފައިވް ޖީގެ ހިދުމަތް އުރީދޫއިން ވަނީ ފޯރުކޮށްދީފަ އެވެ.
މިއާއެކު އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންގެ ތެރެއިން އުރީދޫގެ ކަސްޓަމަރުންނަށް ފައިވް ޖީގެ ހިދުމަތް ލިބޭނެ އެވެ. އުރީދޫއިން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ކުރު މުސްތަގުބަލުގައި މުޅި ރާއްޖެއަށް ފައިވް ޖީގެ ހިދުމަތް ފުޅާ ކުރުމަށެވެ.
ނުޖޫމްއާއެކު ކަސްޓަމަރުންނަށް އެތައް ރިވޯޑެއް
"ނުޖޫމް" އަކީ އުރީދޫގެ އަހަރީ ދުވަހާއި ދިމާކޮށް އެ ކުންފުނިން ތައާރަފު ކުރި ހިދުމަތެކެވެ. މިއީ އުރީދޫގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެކި ކަހަލަ ރިވޯޑުތައް ލިބޭ ޕްރޮގުރާމެކެވެ. މިއީ އުރީދޫ ގަތަރާއި އެނޫންވެސް ގައުމުތަކުގައި މި ކުންފުނިން ހިންގާ ޕްރޮގުރާމެކެވެ.
"ރިވޯޑް ސިސްޓަމަށް ބަލާއިރު އަޅުގަނޑުމެން އަބަދުވެސް ބަލަން ކަސްޓަމަރުންނަށް ޑޭޓާ ޕެކްތަކުގެ އިތުރުން، ނޫނިއްޔާ އަޅުގަނޑުމެން ފޯރުކޮށްދޭ މައި ހިދުމަތްތަކުގެ އިތުރުން ހަމަ ވީހާވެސް ގިނަ ފައިދާތަކެއް ހޯދައިދެވޭތޯ"
ނާއި ވިދާޅުވި ގޮތުގައި އުރީދޫގެ ކްލަބް ޕްރިމިއާ ޕްރޮގުރާމުގެ ތެރެއިންވެސް މިފަދަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. މިއީ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންގެ ތެރެއިން 1،000 ރުފިޔާއަށްވުރެއް މަތީ ޕެކޭޖުތައް ގެންގުޅޭ ފަރާތްތަކަށް ބެނެފިޓްތަކެއް ލިބޭ ޕްރޮގުރާމެކެވެ.
ކްލަބް ޕްރިމިއާ އާއި ހިލާފަށް ނުޖޫމުގެެ ތެރެއިން ކޮންމެ ކަހަލަ ޕެކޭޖެއް ގެންގުޅުނަސް ޕޮއިންޓް ސިސްޓަމްގެ ދަށުން ރިވޯޑުތަކެއް ލިބޭނެ ކަމަށް ނާއި ވިދާޅުވި އެވެ. އެގޮތުން ޑޭޓާ ނެގިޔަސް ނޫނީ ރިޗާޖެއް ކޮށްލިޔަސް މި ޕްރޮގުރާމުގައި ޕޮއިންޓް ލިބޭނެ އެވެ. އެ ޕޮއިންޓުތައް ބޭނުންކޮށްގެން އިތުރަށް ޑޭޓާ ނޫނީ އެހެން ހިދުމަތެއްވެސް ލިބިގަނެވޭނެ އެވެ.
ސުޕަނެޓް ކަސްޓަމަރުންނަށް އާ ޕެޖޭކުތަކެއް
އުރީދޫގެ އަހަރީ ދުވަހާއި ދިމާާކޮށް ސުޕަނެޓް ކަސްޓަމަރުންނަށްވެސް އާ ޕެކޭޖުތަކެއް މިވަނީ ތައާރަފުކޮށްފަ އެވެ. އެއީ މިހާރު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު އާޗާ ޕެކޭޖުތަކާ އެއްގޮތަށް ޑިޒައިން ކޮށްފައިވާ ޕެކޭޖު ތަކެކެވެ. މިއީ ކޮންމެ ދުވަހަކު ވަކި ވަރަކަށް ޑޭޓާ އެލެވެންސް ލިބޭ ޕެކޭޖެކެވެ.
"ސުޕަނެޓް އަދި ފައިބާ ބްރޯޑްބޭންޑުގަވެސް އާޗާ ޕެކޭޖުތަކެއް މިހާރު ވާނެ ތައާރަފުކޮށްފަ."
މިއާއެކު އުރީދޫގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަނެޓް އަދި ފައިބާ ބްރޯޑްބޭންޑު ކަސްޓަމަރުންނަށްވެސް އާޗާ ޕެކޭޖުތައް ބޭނުން ކުރެވޭނެކަމަށް ނާއި ވަނީ ހާމަކޮށްފަ އެވެ.
އޭއައި ޕޯސްޓް ޕެއިޑާއެކު އެޑްވާންސް ވެއްޖެ
މިއަހަރު އުރީދޫއިން މިވަނީ އޭއައި ޕޯސްޓްޕެއިޑްގެ ނަމުގައިވެސް ހިދުމަތެއް ފަށައިފަ އެވެ. އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް އަކީ ފުޅާ ދާއިރާއެއްގައި މުޅި ދުނިޔޭގައި އެކި ހިދުމަތްތައް ފޯރުކޮށްދޭން އެހީ ހޯދާ އެއްޗެކެވެ.
މި ހިދުމަތް ހޯދާ ފަރާތްތަކާއި އޭއައި މެދުވެރިކޮށް ސުވާލުތަކެއް ކުރެ އެވެ. އެގޮތުން ފޯނު މެދުވެރިކޮށް އެންމެ އާންމުކޮށް ހޯއްދަވާ ހިދުމަތްތަކުގެ މައުލޫމާތު އޭއައި އިން އެއްކުރެ އެވެ. މިސާލަކަށް އިންޓަނެޓު ބޭނުން ކޮށްގެން ޑައުންލޯޑު ކުރަނީތޯ ނޫނީ އަޕްލޯޑް ކުރަނީތޯ އަދި އެންމެ އާންމުކޮށް އިންޓަނެޓު ބޭނުން ކުރަނީ ކޮން ގަޑިއެއްގަތޯ ފަދަ ސުވާލުތައް އޭއައި އިން ކަސްޓަމަރުންނާ ކުރެ އެވެ.
މި އެއްކުރާ މައުލޫމާތުގެ އަލީގައި އޭއައި މެދުވެރިކޮށް އެކަސްޓަމަރަކަށް އެންމެ އެކަށޭނަ ޕެކޭޖެއް ސާފުކޮށްދެ އެވެ. އޭގެ ތެރޭގައި ގޭމަރުންނަށް ހާއްސަ ޕެކޭޖުތަކާއި ސްޓްރީމަރުންނަށް ހާއްސަ ޕެކޭޖުތައްވެސް ދެނެގަނެވޭނެ އެވެ.
ޕްރީޕެއިޑް އިތުރަށް "ހެއްސަ" ވެއްޖެ
އަހަރީ ދުވަހާ ދިމާކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް އުރީދޫއިން ތައާރަފު ކުރީ ހެއްސަ ޑޭޓާ ޕެކޭޖެވެ. މި ޕްކޭޖަކީ މުޅި ރާއްޖެއަށް ބެލިކަމުގައި ވިޔަސް އެންމެ ބޮޑެތި ޑޭޓާ ޕެކޭޖުތައް ލިބިގެންދާ ޕެކޭޖެވެ.
"ހެއްސަ ޑޭޓާގެ ތަފާތު ތަންކޮޅަކީ އެ މަހަށް ލިބޭ ޑޭޓާ އެލެވެންސްގެ އިތުރުން ކޮންމެ ރެޔަކު އެބަ ލިބޭ އަންލިމިޓެޑް ޑޭޓާ"
ނާއި އިތުރަށް ތަފްސީލުކޮށްދެއްވި އެވެ. ހެއްސަ ޕެކޭޖު ގެންގުޅޭ ފަރާތްތަކަށް ކޮންމެ ރެޔަކު ދަންވަރު އެކަކުން ފެށިގެން ފަތިހު ފަހެއް ޖެހުމާއި ހަމައަށް ޕެކޭޖުގެ ތެރެއިން ލިބޭ ޑޭޓާއާއި ނުލައި އަންލިމިޓެޑް ޑޭޓާ ލިބެ އެވެ. މި ޑޭޓާ ބޭނުން ކުރެވޭނީ އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށެވެ.
އުރީދޫ އަބަދުވެސް ތިބޭނީ ކަސްޓަމަރުންނާއެކު
އުރީދޫގެ އެންމެ ހާއްސަ ކަމަކީ ކަސްޓަމަރުންގެ ބޭނުން ދެނެގަނެ އެއާ އެއްގޮތަށް ހިދުމަތްތައް ފޯރުކޮށްދެމުން ދިޔުމެވެ.
"ފެށުނީއްސުރެއްވެސް އަޅުގަނޑުމެންގެ މަގްސަދަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަދި މުޖުތަމައުގެ (އެންމެންގެ) ދިރިއުޅުން އިތުރަށް ފާގަތިކޮށް ފަހިކޮށްދިނުން"
ނާއި ވިދާޅުވީ ނެޓްވޯކްގެ ހިދުމަތް ދިނުމުގައިވެސް ބަލާފައިވާނީ އެންމެ އަވަހަށް ކޮންމެ ހިދުމަތެއްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭތޯ ކަމަށެވެ. އެގޮތުން ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ވަރަށް ގިނަ އިންވެސްޓްމެންޓުތަކެއް ކޮށްފައިވާ ކަމަށް ނާއި ފާހަގަކުރި އެވެ.
އާޓިފިޝަލް އިންޓެލިޖެންސްއަށް އާންމުންގެ ޑިމާންޑު އިތުރު ކުރުމަށް އުރީދޫއިން މިހާރު ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ވަރުގަދަ ކުރަން އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ.
2020 ވަނަ އަހަރު އުރީދޫއިން ވަނީ ރާއްޖެއާއި ސްރީލަންކާ އާއި ދެމެދު ސަބްމެރިން ކޭބަލްއެއް އަޅައި ހިދުމަތް ދޭން ފަށައިފަ އެވެ. މިއަހަރު އެކުންފުނިން ވަނީ ޔުރަޕާއި ސިންގަޕޫރު އަދި ކުޅުދުއްފުށި ގުޅައިލަދިން ޕީސް ކޭބަލްއެއްވެސް ގާއިމް ކޮށްފަ އެވެ.
މީގެ އިތުރުން ޑެޑިކޭޓެޑް ޑޭޓާ ސެންޓަރެއްވެސް ހުޅުމާލޭގައި ވަނީ ގާއިމްކޮށްފަ އެވެ. މިއަހަރު އެކުންފުނިން ވަނީ ކުޅުދުއްފުށީގަވެސް ޑޭޓާ ސެންޓަރެއް ގާއިމްކޮށްފަ އެވެ.
"ޑެޑިކޭޓެޑް ޑޭޓާ ސެންޓަރެއް ރާއްޖޭގަ ހުރުމަކީ ރާއްޖޭގެ ވިޔަފާރިތަކަށްވެސް އަދި ސަރަހައްދީ ވިޔަފާރިތަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވެގެން ދާނެ"
އެގޮތުން ސަރަހައްދީ ވިޔަފާރިތަކުގެ ސާވާއެއް ރާއްޖޭގައި ހޮސްޓު ކުރެވިގެން ދިޔުމަކީ ރާއްޖޭގައި މި ވިޔަފާރި ފުޅާކުރަން ވަރަށް ބޮޑު ލުޔެއް ހޯދައިދޭނެ ކަމެއްކަން ނާއި ފާހަގަކުރެ އެވެ.
އުރީދޫގެ އަމާޒަކީ މިހާރަށްވުރެއް ފުޅާކޮށް ކަސްޓަމަރުންގެ ބޭނުމަށް ބަލައި ހުރިހާ ހިދުމަތެއްވެސް އެންމެ އަވަހަށް ރާއްޖެއަށް ތައާރަފު ކުރުމެވެ.