ގައިދީންގެ އުފެއްދުންތައް މާކެޓަށް ނެރެ، އާމްދަނީން ބައެއް ދެނީ
ޖަލުގެ ގައިދީންގެ އުފެއްދުންތައް މާކެޓަށް ނެރެ އެ ތަކެތީގެ އާމްދަނީން ބައެއް އެ މީހުންނަށް ލިބޭ ގޮތް ހަމަޖައްސަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ހެނދުނު ކ. މާފުށީ ޖަލުގެ ގޯތިތެރޭގައި ހެދި "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ ސަގާފަތާއި ސަގާފީ ހަރަކާތްތައް ދިރުވާ އާލާކޮށް, މީހުންނަށް ދަސްކޮށްދީ އަދި ރައްޔިތުންގެ ތެރޭގައި އެކަމަށް އަލުން ލޯބި ޖެއްސުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
އަދި އެކަން ކުރުމަށްޓަކައި ރައީސްގެ އެންގެވުމުގެ މަތިން ޖަލު ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރެވިދާނީ ކޮން ކަންތައްތަކެއްތޯ މި ސަރުކާރުން ބަލަމުން އަންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމިއްޔަތާއި ސަގާފަތް ހިމަނައިގެން ގައިދީން ރިހެބިލިޓޭޓް ކުރުމަކީ ރައީސްގެ ސިޔާސަތެއް ކަމަށްވާއިރު ސަގާފީ ވިލެޖަކީ ރާއްޖޭގައި އެގޮތަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތަށްވާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތަށް އެކަންކުރެވޭނެ ޕްލޭންތަކެއް އެބަ އޮތްކަން މިނިސްޓަރު ހާމަކުރެއްވި އެވެ.
"ރައީސް ދެއްވާފައިވާ ގައިޑެންސާ އެއްގޮތަށް އަޅުގަނޑު މި ވިސްނަނީ މި ތަނުގައި ކުރެވޭ މަސައްކަތްތަކަކީ ގައިދީންނަށް ދަސްކޮށްދެވިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައިދީން ކުރާ މަސައްކަތްތަކަށްވާނެ ކަމަށް. އަދި އެ މަސައްކަތުގެ ތެރެއިން އާމްދަނީ ލިބި އެ އާމްދަނީގެ ބައެއް ގައިދީންނަށް ސީދާ ލިބޭނެ ގޮތްތަކެއް ހޯދުން"
ގައިދީން ތައްޔާރުކުރާ އުފެއްދުންތައް ޖަލުގެ ތެރޭގައާއި އެއާޕޯޓުގެ ތެރެއިން ޖާގައެއް ހޯދައިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވިއްކޭނެ ގޮތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ކުރިއަށް އޮތްތަނުގައި މިތަނުގައި ވަރަށް ހަރަކާތްތެރި މާހައުލެއް ފެނި ޖަލުގެ ގައިދީންނަކީ ތަޅުލެވިގެން 24 ގަޑިއިރު ތިބޭ ބަޔަކަށް ނުވެ މަސައްކަތްތެރި އުފެއްދުންތެެރި ބަޔަކަށް ވެގެން ޖަލުން އަވަހަށް ނިކުމެ މުޖުތަމައުގެ ތެރެއަށް ގޮސް އެ މީހުންގެ އާއިލާގެ ކަންތައްތައް ބެލެހެއްޓުމުގައި މަސްއޫލުވެގެން ޒިންމާދާރު ދިވެއްސެއްގެ ގޮތުގައި އުޅޭތަން ފެނުން."
ގައިދީންނަށް މުސާރަ ލިބޭނެ ގޮތް ހަމަޖައްސާނެ ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ރިހިބިލިޓޭޝަން މަސައްކަތުގައި ބައިވެރިވާ ގައިދީންގެ ޖަލު ހުކުމުން އިތުރުދުވެހެއް އުނިވެގެންދާނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިހުސާން ވަނީ މިއަދު ވިދާޅުވެފަ އެވެ.