ޚަބަރު

ވަށާޖެހޭ ރިފޯމެއް ގެނެސް, މާލީ ހާލަތު ރަނގަޅު ކުރާނަން: ފިނޭންސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފިނޭންސް މިނިސްޓްރީގެ އިމާރާތް/ ފޮޓޯ: މިނިސްޓްރީ

ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކްރެޓިޑް ރޭޓިން އެޖެންސީ, ފިޗްގެ ލަފާ ގަބޫލުކޮށް, ވަށާޖެހޭ ރިފޯމެއް ގެނެސް, ރޭޓިން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

Ads by MWSC

ފިޗުން ދިވެހިރާއްޖޭގެ ކްރެޑިޓު ރޭޓިން ސީސީސީ+ އިން ސީސީއަށް ދަށްކުރުމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެ ވުޒާރާއިން ބުނެފައިވަނީ, ސަރުކާރުން ދަނީ އާއްމުދަނީ އާއި ޚަރަދުގެ ސިޔާސަތުތައް ވަށާ ޖެހޭ ގޮތެއްގައި ރިފޯމްކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އާއްމުދަނީ އިތުރުކުރަން ސަރުކާރުން ކުރަމުން އަންނަ ބައެއް ކަންކަން ވަނީ އެ ބަޔާނުގައި ފާހަގަކޮށްފައެވެ. އެގޮތުން އެއާޕޯޓު ޓެކްސް އާއި ގްރީން ޓެކްސްގެ ރޭޓާއި ސިއްހަތަށް ގެއްލުންދެނިވި ބައެއް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ މަތިކުރުމަށާއި, ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި ޖީއެސްޓީ ގާނޫނު އިސްލާހުކޮށް ޓެކްސް ބޭސް ފުޅާކުރުން ހިމެނެއެވެ.

މި ފިޔަވަޅުތަކާއެކު ބޭރު ފައިސާއިން ސަރުކާރަށް ލިބޭ އާމުދަނީ އިތުރުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ބޭރުގެ ދަރަންޏަށް އޮތް ޕްރެޝަރު އެކަމުގެ ސަބަބުން ކުޑަވާނެ ކަމަށާއި، ސަރުކާރުން ބޭރު ފައިސާއިން ދައްކަންޖެހޭ ދަރަނި އަދާކުރުމަށް ފަސޭހަތަކެއްވާނެ ކަމުގައި މާލީ ވުޒާރާއިން ފާހަގަކުރިއެވެ.

އާމްދަނީ އިތުރު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން ހަރަދުތައް ކުޑަ ކުރުމަށްޓަކައި އެސްއޯއީތަކުގެ ހަރަދުތައް ކުޑަކުރުމާއި ޓާގެޓު ސަބްސިޑީއަށް ބަދަލުކުރުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި ސިއްހީ އިންޝުއަރެންސްގެ ނިޒާމު ހަރުދަނާ ކުރުމާއި, ތެލުގެ އަގަށް އަންނަ ބަދަލާއެކު އުފުލަން ޖެހޭ ބުރައިން ސަލާމަތްވުމަށް ފިއުލް ހެޖިން ތައާރަފް ކުރާނެ ކަމަށް ހާމަކުރިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ހަލުއި ކުރިއެރުމާއި ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރެވުމުން މާލީ ކަންކަން ހަމަޖެހި ރޭޓިން ބަދަލުވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށާއި، މެދުރާސްތާގައި ދަރަނިވެސް އެކަށީގެންވާ މިންގަނޑެއްގައި ހިފަހެއްޓޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ސަރުކާރުން އެކުލަވައިލާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރެވުމުން 2028 ވަނަ އަހަރުގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 90 އިންސައްތައަށް ތިރިކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށާއި، އެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒުކޮށް ކްރެޑިޓް ރޭޓިން މިހާރަށްވުރެ ރަނގަޅުކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމުގައި ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!