ޚަބަރު ވިޔަފާރި

ރާއްޖެ-ތުރުކީ މިނިވަން ވިޔަފާރި އެއްބަސްވުން އެކުލަވާލައިފި، ދެން އޮތީ ތުރުކީގެ މަޖިލިހުން ފާސްކުރުން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް މުއިއްޒު ތުރުކީއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ފިނޭންސް މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް

ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ގާއިމުކުރެވޭ މިނިވަން ވިޔަފާރި، ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) ގެ އެއްބަސްވުން ދިވެހި ސަރުކާރުން މިހާރު އެކުލަވާލާފައިވާ ކަމަށާއި އަންނަ ޑިސެމްބަރު ނުވަތަ ޖެނުއަރީ މަހު އެއްބަސްވުމަށް އަމަލު ކުރަން ފެށޭނެ ކަަމަށް އުންމީދުކުރައްވާ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އާއި ތުރުކީ އާ ދެމެދު ވަރަށް ބަދަހި ގުޅުމެއް ވަނީ އުފެދިފަ އެވެ. ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ފަށާފައި ވަނީ މިދިޔަ މާޗު މަހުގަ އެވެ.

ދައުލަތުގެ މީޑިއާގައި ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެފްޓީއޭއަށް އެއްބަސްވުމުގެ ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ) އެކުލަވާލުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ދެން އޮންނާނީ ތުރުކީގެ ގާނޫނު ހަދާ މަޖިލިހަށް އެއްބަސްވުން ހުށަހަޅައި ފާސްކުރުންކަން ފާހަގަކުރެެއްވި އެވެ.

"އެއަށް ފަހު ދެ ގައުމުން ސޮއިކުރުމާ ހަމައަށް ދާނެ. އަޅުގަނޑުމެން ލަފާކުރަނީ ޑިސެމްބަރު ނުވަތަ ޖެނުއަރީ އެކެއް ހިސާބުގައި އަޅުގަނޑުމެންނަށް އިފެކްޓިވްވާނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ބައެއް ތަކެތިން މިހާރު ނަގަމުން އަންނަ ޑިއުޓީ ވަރަށް ބޮޑުތަނުން ކުޑަކޮށްދީފައިވާ ކަމުގަ އެވެ. އަދި ރާއްޖޭން ތުރުކީއަށް އެކްސްޕޯޓްކުރާ ބާވަތްތަކުގެ ތެރެއިން އެއްގޮތަކަށް ޑިއުޓީ ދައްކަން ނުޖެހޭ 38 ބާވަތެއް ވެސް ލިބިފައިވާ ކަމުގަ އެވެ.

އެ ބާވަތްތަކުން ތެރެއިން އެންމެ އިސްކަން ދިނީ ޔެލޯފިން ޓޫނާ އާއި ސްކިޕްޖެކް ޓޫނާ އާއި ހިކިމަހާއި މަހުގެ އެކި ބާވަތްތަކުން ތައްޔާރުކުރާ ކާނާތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!