ސީޕީ ވިދާޅުވަނީ ޑްރަގާއި ގޭންގް ކުށް ހުއްޓުވަން ތަފާތު ގޮތަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ މަސްތުވާތަކެއްޗާ ގޭންގު ހަދައިގެން ކުށް ކުރުން ހުއްޓުވަން ތަފާތު ގޮތަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ހިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައީ ސީޕީ ޝުޖާއު ވިދާޅުވީ ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ފުލުހުން ތައްޔާރުކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެކަމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
މި ގައުމުގައި މި ވަގުތު ގައި އެންމެ ބޮޑު ގޮންޖެހުން އޮތް މަސްތުވާތަކެއްޗާ ކުށްކުރާ ގްރޫޕުތަކުގެ ނުރައްކަލުން މުުޖުތަމައު ސަލާމަތްކުރުމަށްޓަކައި ތަފާތު ގޮތަކަށް މަސައްކަތް ކުރަން އެބަޖެހޭ - ސީޕީ އަލީ ޝުޖާއު
ރޭވިގެން ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުން މިހާރަށްވުރެ ކުޅަދާނާވާން ޖެހޭކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ޓެރަރިޒަމްއާ ފައިނޭންޝަލް ކުށްތައް ތަހުގީގުކުރުމުގައި ފުލުހުންގެ ކެޕޭސިޓީ އެތައް ގުނައަކަށް އިތުރުކުރަން ޖެހޭ ކަމަށެވެ.
"ފުލުހުންގެ މަސައްކަތުގެ ޓެކްނޮލޮޖީއާ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުށެއް ކުރުމުގެ ކުރިން އެކަމެއް ހުއްޓުވުމުގެ ގާބިލުކަން ފުލުހުން ލައިދޭން އެބަޖެހޭ" އެ ވަސީލަތްތައް ފުލުހުންނަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
ޑްރަގާ، ގޭންގް ކުށްތައް ހުއްޓުވުމަށް އިތުރު ތަފާތު ގޮތަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް ސީޕީ ވިދާޅުވެފައިވާއިރު މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ޖަދުވަލު 1 ގައި ހިމެނޭ މަސްތުވަތާކެތީގެ ބަރުދަނުގައި 500 ގްރާމަށް ވުރެ ގިނައިން އެތެރެކުރިކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު އިއްވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ ޑްރާފްޓެއް އެކުލަވާލާފަ އެވެ.
އަދި ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ނިންމާ އެޓާނީ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފަ އެވެ.
އެ ގާނޫނުގައި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކޮށްފައިވެ އެވެ.
ޙައްލަކީ ޢުމަރު….