ޚަބަރު

ފިޗްގެ ރޭޓިން ދަށްވީ މިދިޔަ ސަރުކާރުން ނުކަތާވަރަށް ފައިސާ ޗާޕުކުރީމަ: ސައީދު

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ/ ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓް ދަށްވީ ފައިސާ ޗާފުކޮށް ހަރަދުތައް ނުކަތާވަރުވީމާ ކަމަށާއި އެކަމާ މި ސަރުކާރާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ސައީދު އެހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފިޗުގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށްކޮށްފައިވަނީ ދާދި ފަހުންނެވެ.

ސައީދު ވިދާޅުވީ ފިޗުގެ ރޭޓިން ދަށްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.

"ފިޗުގެ ރޭޓިން ދަށްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅެއްގެ ވާހަކައެއް ނޫނޭ. މި ސަރުކާރުގެ ވާހަކައެއް ނޫނޭ ފިޗުން ބުނަނީ. ފިޗުން ބުނަނީ ނުކަތާ ވަރަށް ފައިސާ ޗާފުކޮށްފައި ހުރި ވާހަކައާއި ނުކަތާ ވަރަށް ދައުލަތުގެ ހަރަދުތައް ބޮޑުކޮށްފައި ހުރި ވާހަކައާ. އެކްސްޕެންޑީޗާ ރެޝަނަލައިޒް ނުކުރާ ވާހަކައާ އާމްދަނީ އިތުރުކުރުމުގައި މިއޮއް ހުރިހާ ޒަމާނެއް ވީއިރުގައި އިތުރު ގޮތްތަކެއް ހޯދާފައި ނެތް ވާހަކަތައް ފިޗުން ބުނަނީ"

އެކަންތައްތައް ފިޗުގެ އިތުރުން މޫޑީސްއާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުން ތަކުރާރުކޮށް ފާހަގަކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފަހުން އަހަރެއް ވެފައިނުވާއިރު އެމަނިކުފާނަށް ޖެހިވަޑައިގަންނަވަނީ ވާރުތަވި ބޮޑު މައްސަލައަކަށް "ޑީލް" ކުރައްވަން ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވީ އެކަަންކަން އެނގިވަޑައިގެން ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ފާހަގަކުރެއްވީ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފަށަން ނިންމާފައިވާ ބައެއް މަޝްރޫއުތަކެވެ.

އެގޮތުން މި މަހު 12 ގައި ފެށުމަށް ނިންމާފައިވާ ބަންކަރިންގެ ހިދުމަތާއި ޑިސެންބަރު މަހު ފަށަން ނިންމާފައިވާ 250 މިލިއަން ޑޮލަރުގެ އިކޮނޮމިކް އެގްރިކަލްޗާ ޒޯން މަޝްރޫއު ހިމެނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!