ޚަބަރު

މާލޭގެ މިސްކިތްތަކުގެ ގޯތި ތެރޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލޭގެ މިސްކިތެއްގައި ގަސް އިންދަނީ-- ފޮޓޯ/މާލޭ ސިޓީ ކައުންސިލް

މާލޭގެ މިސްކިތްތައް ފެހިކުރަން މިސްކިތުގެ ގޯތި ތެރޭގައި ގަސް އިންދަން ފަށައިފި އެވެ.

Ads by Sosun Fihaara

މާލޭ ސިޓީ ކައުންސިލްއިން މިއަދު އާންމުކުރި ފޮޓޯއެއްގައި ވަނީ މިސްކިތެއްގެ ގޯތި ތެރޭގައި ކަދުރުރުއްތަކެއް މޭޔަރު އާދަމް އާޒިމް އިންދަވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުކުރައްވައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު "ދެން"އަށް ވިދާޅުވީ މިސްކިތްތައް ފެކި ކުރުމަކީ މޭޔަރުގެ ވަރަށް ބޮޑު ތަސައްވަރެއް ކަމަށެވެ.

އަދި މިސްކިތުގެ ގޯތި ތެރޭގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ މާލެއާއި ހުޅުމާލެ މިސްކިތްތަކުގައި ވެސް ގަސް އިންދުން ކުރިއަށް އެބަ ގެންދާ ކަމަށެވެ.

އޭގެ ތެރޭގައި ކަދުރު ރުށްތަކެއް ވެސް ހިމެނެ އެވެ. އެއީ ކުރީގެ ކައުންސިލުން އިމްޕޯޓުކޮށް ނާސަރީގައި ހުރި ރުއްތައް ކަމަށް ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެއްވެސް ވަރަކަށް އާ ކަދުރު ރުށް މި ފަހުން އެތެރެކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާސަރީގައި 200 ވަަރަކަށް ކަދުރު ރުއް މިހާރުވެސް އެބަހުރި ކަމެއް އޭނާ ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!