Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތްތައް އަވަސް ވާންޖެހޭ: މަތީން

ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތްތައް އަވަސް ވާންޖެހޭ: މަތީން

ދައުލަތުގެ އިދާރާތަކުން މައިގަނޑު ވިސްނުމަކަށް ވާންޖެހޭނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުން ކަމަށް ފެން ކުންފުނި (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީނު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ، "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މަތީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ އިތުރުން ހިދުމަތް ފޯރުކޮށްދިނުމުގައި ދައުލަތުގެ އިދާރާތްތަކުގައި އޮންނަން ޖެހޭނީ އެއް ވިސްނުމެއް ކަމަށެވެ.

ދައުލަތުގެ ކޮންމެ މުވައްޒަފަކީވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށާއި ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށާއި އެމީހުންގެ ދިރި އުޅުން ފަހިކޮށްދޭން މަސައްކަތްކުރާ މުވައްޒަފަކަށް ވާން ޖެހޭނެ ކަމަށްވެސް މަތީން ވިދާޅުވި އެވެ.

Advertisement
Ooredoo — Square (box)

އޭނާ ސިފަކުރެއްވި ގޮތުގައި އެއް އިދާރާއެއް އަނެއް އިދާރާއަކާ ދެމުދުގައި އެ އޮންނަ 'ފްރެކްޝަން' ނުވަތަ އެ ސިޓީ ބަދަލުކުރުމުގައި އެ ގެއްލޭ ވަގުތު އެއީ ގައުމީ ތަރައްގީން ގެއްލޭ ވަގުތެކެވެ. އަދި އެއީ ރައްޔިތުންނަށް ލިބޭ ނިކަމެތިކަމެއް ކަމަށްވެސް އެމްޑީ ވިދާޅުވި އެވެ.

"އިދާރާތްތަކުގެ މެދުގައި ސިޓީ ބިޓީ ބަދަލުކުރުމުގައި އޮންނަ މި ދިގު މަގު އެއީ ހަމަ ވަރަށް ބޮޑު ގޮންޖެހުމެއް ރާއްޖޭގައި، ތަރައްގީގެ މަސައްކަތްތައް ހަލުވި ކުރުމުގައި. އެއީ ހަމައެކަނި މި ސަރުކާރުގައެއް ނޫން އެހެން ސަރުކާރު ތަކުގައިވެސް މިކަން ހިނގާފައި އޮތީ" މަތީން ވިދާޅުވި އެވެ.

އެ ވިސްނުން ބަދަލުވާން ޖެހޭ ކަމަށް މަތީން ވިދާޅުވި އެވެ.

އޭގެ އިތުރުން މަތީން ވިދާޅުވީ ސަރުކާރުތައް ބަދަލުވިޔަސް ދައުލަތުގެ ވަޒީފާތަކުގައި ތިބޭ މީހުންނަކީވެސް ބަދަލުވަމުން ނުދާނެ ކަމަށެވެ.

"ބަދަލުވަމުން ނުދާ އެއްޗަކީ ރައްޔިތުން. އެ ރައްޔިތުންނަށްޓަކާ ސަރުކާރެއް މި އޮންނަނީ. ރައްޔިތުންނަށްޓަކާ ދައުލަތެއްވެސް މި އޮންނަނީ. ރައްޔިތުންނަށްޓަކާ ގައުމު މި އޮންނަނީ" މަތީން ވިދާޅުވި އެވެ.

ގާނޫނާ ހިލާފުނުވެހެން އަވަހަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދިނުމަށް މަތީން އިލްތިމާސް ކުރެއްވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް