އިއްޔެ ރޯވި ނޫހިމެރިގެ ތަޅާލަނީ
އިއްޔެ ރޯވި ގެ ތަޅާލަން ނިންމައިފި އެވެ.
އިއްޔެ މެންދުރު ތިނެއް ޖަހަން އުޅެނިކޮށް ރޯވީ ހ. ނޫހިމެރިގޭގަ އެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ އެ އިމާރާތުގެ ތިރީ ފަންގިފިލާގައި ހިންގަމުން ދިޔައީ ކެފޭ އެކެވެ. ފުރަތަމަ އަލިފާން ރޯވިކަަމަށް ބެލެވެނީ ދެވަނަ ފަންގިފިލާގައި ހުރި ބަދިގޭގަ އެވެ.
ހަވީރު ވާން އުޅެނިކޮށް ރޯވި އަލިފާންގަނޑު ނިއްވާލި ނަމަވެސް ރޭ ވެސް ހަމަ އެ އިމާރާތުގައި ރޯވި އެވެ.
އަލިފާނުގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި މިއަދު ވިދާޅުވީ ރޯވި އިމާރާތުން އާންމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި އެ އިމާރާތް ތަޅާލަން އެ މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ދެތިން ދުވަސް ތެރޭގައި ތަޅާލާ ނިންމާލެވޭނެ ކަަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް މަހު ރޯވި މ. ރަބީއުވިލާގެ އިމާރާތް ވެސް މިދިޔަ މަހު ވަނީ އާންމުންނަށް ނުރައްކާތެރިވެދާނެ ފުރުސަތު އޮތުމުން ތަޅާލައިފަ އެވެ.