ގަލޮޅު ދަނޑުގެ ބަދަލުގައި ރަސްމީ ފުޓްބޯޅަ ދަނޑު ހުޅުމާލޭގައި ހަދަނީ
ގަލޮޅު ދަނޑުގެ ބަދަލުގައި ހުޅުމާލެއަށް ގައުމީ ފުޓްބޯޅަ ދަނޑު ބަދަލު ކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަލޮޅު ދަނޑުގައި ފެންވަރު ރަނގަޅު ސްޓޭޑިއަމްއެއް އަޅަން ކުރީ ސަރުކާގައި ނިންމާފައި އޮތް ކަަމަށެވެ،
ކުރީގެ ސަރުކާރުގެ ނިންމުމާ އެއް ގޮތަށް އޭގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑަކީ ސްޓޭޑިއަމްއެއް އަޅަން އެންމެ ރަނގަޅު ތަނެއް ކަމަށް ނުފެންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑުގައި ސްޓޭޑިއަމް އަޅަން ކަމުނުދަނީ ސެކިއުރިޓީއާއި ޕާކިންއަށް ވެސް އެއީ އެކަށީގެންވާ ބިމަކަށް ނުވާތީ ކަމަށެވެ. އެ ކަމާ ގުޅޭ ގޮޮތުން އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކޮށްފައިވާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"[މިހާރު] ސްޓޭޑިއަމް އަޅަން ނިންމާފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައި. އެއީ ހަމަ ކުރީގައި ވެސް ސްޓޭޑިއަމްއެއް އަޅަން ޕްރޮޕޯސްކޮށްފައި އޮތް ބިމެއްގެ ގޮތުގައި ދެކެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލޭގައި ހަދާ ސްޓޭޑިއަމްގެ ޕްރޮޖެކްޓާ އެކުއެކީގައި ހިނގާ އެހެން ޕްރޮޖެކްޓްތަކެއް ވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދުގައި ސިންތަޓިކް ޓްރެކް އެޅުމާއި ބާސްކެޓް އިންޑޯ ހޯލްއެއް ހެދުމާއި ވޮލީ ކުޅޭނެ ތަނެއް ފަރުމާ ކުރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.'