ޚަބަރު

މަސައްކަތު މާހައުލުގެ ގާނޫނުން ލާޒިމުކުރާ ގަވާއިދުތައް އަދިވަސް ނުހަދާތީ ކަންބޮޑުވުން

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މިނިވަން މަސައްކަތްތެރިން،ބުރަ މަސައްކަތުގައި/ ދެން އިމޭޖްސް: އިބްރާހިމް ޝަމްވީލް

މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ހަދަން ލާޒިމުކޮށްފައިވާ ގަވާއިދުތައް އަދިވެސް ނެތުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Ads by Hajj Corporation

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެ ކަންބޮޑުވުން ފާޅުކުރީ، މިދިޔަ ހޯމަ ދުވަހު ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން މަސައްކަތް ކުރަމުން ދިޔަ ކެފޭއެއް ހިމެނޭ އަދި ދިރިއުޅެމުން ދިޔަ ބައި ވެސް ހިމެނޭ އިމާރާތެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައި މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ ޖެނުއަރީ 2 ގައި އެ ގާނޫނު ތަސްދީގު ކުރި ފަހުން ނުވަ މަސް ދުވަސް ވީ ނަމަވެސް، ގާނޫނު ތަސްދީގުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ އެއްވެސް ގަވާއިދެއް ހަދައި އަދި ގެޒެޓްކޮށްފައެއް ނުވެ އެވެ.

އޭގެ ތެރެއިން ހަތަރު ދާއިރާއެއްގެ ގަވާއިދުތައް ނުވަތަ އުސޫލުތައް ވީހާވެސް އަވަހަށް ހެދުމަށް ބަޔާނުގައި ގޮވާލާފައިވެ އެވެ.

  1. ސިއްހަތާއި ރައްކާތެރި ކަމުގެ ސިޔާސަތުގެ ދަށުން ފުރަތަމަ އެހީ ދިނުމުގައި ކުޑަމިނުން ހިފަހައްޓަން ޖެހޭ މިންގަނޑު
  2. ނުރައްކާތެރި ސާމާނާއި އާލާތްތައް ބޭނުން ކުރުމުގައި ހެދުން އަޅަން ޖެހޭ މިންގަނޑު
  3. މެޝިނަރީ، އާލާތްތައް އަދި މަސައްކަތު މާހައުލު ބޭނުން ކުރުމުގައި ދިމާވެދާނެ ނުރައްކަލާއި ޖިސްމާނީ ގެއްލުންތަކާއި ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމުގެ އުސޫލުތައް
  4. މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމުގެ އުސޫލުތައް

މަސައްކަތު މާހައުލާއި ދިރިއުޅޭ ތަންތަން އެއީ ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑަށް ފެތޭތޯ ބެލުމާއި މުޅި ނިޒާމު ހަރުދަނާ ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ޓްރާންސްޕޭރެންސީން ގޮވާލާފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!