ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ފައިސާ ދެއްކޭނެ: އެމްއެމްއޭ
ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަން ޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވަސް މަނިޓަރީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭން ދިވެހި އިގުތިސޯދުގެ ހާލަތު އަދި ދިވެހި ދައުލަތުގެ މާލީ ހާލަތު ސާފުކޮށްދީ މިރޭ ބަޔާނެއް ނެރުނީ، މޫޑީސް ރޭޓިންސްގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެވަނަ ފަހަރަށް ދަށްކޮށް އިއުލާންކޮށްފައިވަނިކޮށެވެ. މިހާރު ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ-2 މާނައަކީ އެއީ އިންވެސްޓް ކުރެވޭ ވަރު ގައުމެއް ނޫން ކަމަށެވެ.
އެ ކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ މަހު ދަރަނީގެ ބައެއް ދައްކަން އޮތުމުންނާއި ކްރެޑިޓް ރޭޓިން ދަށްވެފައިވީ ނަމަވެސް މިހާރު އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއި އިގުތިސޯދު ކުރިއަރަމުންދާތީ އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އެމްއެމްއޭ އާއި ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަން ޖެހޭ ދަރަނި ކުރިއަށް އޮތް ތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތެވެ." އެމްއެމްއޭން ލިޔެފައިވެ އެވެ،
އެމްއެމްއޭން ލަފާކުރާ ގޮތުގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 4.9 ޕަސެންޓް މި އަހަރު ކުރިއަރާނެ އެވެ. އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 6.5 ޕަސެންޓް ގައެވެ. މީގެ މައިގަނޑު އެއް ސަބަބަކީ މި އަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ބައެއް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުމެވެ.
މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ރާއްޖެ އަށް ވަނީ 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މުމުއްދަތާއި އަޅާބަލާއިރު 10 ޕަސެންޓްގެ ކުރިއެރުމެކެވެ. މިއަހަރުގެ ޖުލައި މަހާއި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ފަތުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް ވަނީ 7 ޕަސެންޓުން އިތުރުވެފަ އެވެ.
ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވް ވެސް ވަނީ އޮގަސްޓު މަސް ނިމުނުއިރު އިތުރުވެފަ އެވެ. އެގޮތުން ޖުމްލަ ރިޒާވް އޮގަސްޓު މަސް ނިމުނު އިރު ހުރީ 444 މިލިއަން ޑޮލަރަށް އަރާފަ އެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގަ އެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި އޮގަސްޓު މަސް ނިމުނު އިރު ހުރީ 61.22 މިލިއަން ޑޮލަރެވެ.
މި އަހަރުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށް ވުރެ އިތުރު ވެގެން ދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާ ކަމަށް މޫޑީސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގަ އެވެ.
މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަ ކުރުމަށް ޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް އޮޕަން މާކެޓް އޮޕަރޭޝަން މެދުވެރިކޮށް ފައިސާ މޮޕްއަޕް ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެ އެވެ.
މީގެ އިތުރުން ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ޓަކައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރު ކުރެވޭނެ ގޮތަށް މަނިޓަރީ ގަވައިދު އިސްލާހުކޮށް މި ބަދަލުތައް މިމަހު އިއުލާންކުރެވޭނެ އެވެ.