ޚަބަރު

ރަށުން އަސާސީ ޚިދުމަތްތައް ނުލިބޭތީ, ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުވާން އެދިއްޖެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރަށުގައި އަސާސީ ޚިދުމަތްތައް ނުލިބޭތީ ރަތްމަންދޫގެ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ރަތްމަންދޫ ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ސަރުކާރަށް ހުށަހަޅައިފި އެވެ.

Ads by Sosun Fihaara

އެރަށު ކައުންސިލްގެ ރައީސް އިސްމާއީލް ނާހިދު "ދެން" އަށް މިއަދު ވިދާޅުވީ އާބާދީގައި 239 ވަރަކަށް މީހުން އުޅޭ ރަތްމަންދޫ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ފޮނުވުމަށް އެދި ހުށަހެޅި ޕެޓިޝަނުގައި ވަނީ ފުރުސަތު ލިބެއްޖެނަމަ އެރަށު ރައްޔިތުން ރަސްމާލެ އަށް ބަދަލުކޮށް ދިނުމަށް ކަމަށެެވެ.

ނާހިދު ވިދާޅުވީ އެ ޕެޓިޝަނާ ގުޅިގެން ފޮނުވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު ކައުންސިލްގެ ޖަލްސާއިން ނިންމީ ސިޓީގައި އެދިފައިވާ ގޮތައް ސިޓީ އާއި ޕެޓިޝަން ސަރުކާރުގެ އިދާރާތަކަށް ފޮނުވަން ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު ސިޓީގައި އެދިފައި އޮތީ އެބޭފުޅުން ފޮނުވި ޕެޓިޝަން ރައިސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ އިދާރާތަކަށް ފޮނުވައި، އަދި ކުދި އާބާދީތަކަށް ސަރުކާރުގެ ވިސްނުން ހުރި ގޮތެއް ސާފުކޮށްދޭން" ކައުންސިލު ރައީސް ވިދާޅުވި އެވެ.

ޕެޓިޝަންގައި ސޮއިކޮށްފައިވަނީ ރަށުގައި ރަޖިސްޓްރީވެފައިވާ ފާރަތްތަކުގެ ތެރެއިން 18 އަހަރުން މަތީގެ 114 ރައްޔިތުން ކަމަށް ނާހިދު ވިދާޅުވި އެވެ.

ނާހިދު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އާބާދީ މަދުވުމުގެ ސަބަބުން އެކަށީގެންވާ ވަރަށް ތައުލީމު ނުލިބުން ކަމަށެވެ.

"ޕެޓިޝަންގައި ބޮޑަށް ފާހަގަކޮށްފައިވަނީ ރަށުގެ އަސާސީ ބޭނުންތަކުގެ ވާހަކަ. އެކަމަކު އަޅުގަނޑަށް ބޮޑަށް ފާހަގަކުރެވެނީ ތައުލީމު ދަށްކަން" ނާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ކައުންސިލްގެ ރައީސް ވިދާޅުވީ އެ ކައުންސިލަށް ލިބުނު ސިޓީ އާ ގުޅިގެން ކުދި އާބާދީ އާއި ދޭތެރޭގައި ސަރުކާރުން ދެކޭ ގޮތުގެ މައުލޫމާތު ސާފުކުރަން ފޮނުވައިފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!