Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފުއާދުގެ ދައުރު ހަމަވާތީ އީސީއަށް ކުރިމަތިލާން ހުޅުވާލައިފި

ފުއާދުގެ ދައުރު ހަމަވާތީ އީސީއަށް ކުރިމަތިލާން ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެ ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށް ވެސް ބުންޏެވެ. މަލްޓި-ޕާޓީ ޑިމޮކްރެސީގެ ފެހި ގާނޫނު އަސާސީއާ އެކީ އިލެކްޝަންސް ކޮމިޝަންގެ ފުރަތަމަ މެންބަރުންގެ ބެންޗުގައި ފުއާދު ހިމެނެ އެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު، 2011 ވަނަ އަހަރުގެ ކައުންސިލް އިންތިހާބު، އަދި 2013 ގެ ރިޔާސީ އިންތިހާބުގައި އޭނާ ކޮމިޝަނުގައި އުޅުއްވި އެވެ. 2013 ގެ ރިޔާސީ އިންތިހާބުގައި ފުއާދަކީ ކޮމިޝަނުގެ ރައީސެވެ. ފުއާދު ފުރަތަމަ ފަހަރު ކޮމިޝަނުން ވަކިކުރީ މަޖިލިސް އިންތިހާބު 2014 ގެ ދުވަސްވަރު އެވެ. އެއަށް ފަހުގައި އަނބުރާ ކޮމިޝަނަށް ވަޑައިގަތީ 2019 ވަނަ އަހަރު ފަހުކޮޅެވެ. 2023 ގެ ރިޔާސީ އިންތިހާބަށް ޖެހުނު އިރު އަނެއްކާ ވެސް ކޮމިޝަނުގެ ރައީސް ކަމަށް ފުއާދު ވަޑައިގަތެވެ.

އީސީގައި ތިބެން ޖެހެނީ ފަސް މެންބަރުންނެވެ. ފުއާދުގެ އިތުރުން މި ވަގުތު އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ޑރ. މުހައްމަދު ޒާހިރާއި އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ހަސަން ޒަކަރިއްޔާ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް