ޚަބަރު

ގޭންގްތަކުގެ މީހުން ޖަލްސާތަކުގެ ގޮނޑި ފުރައިގެން އުފެދޭ ސަރުކާރަކަށް ގޭންގްތައް ރޫޅައެއް ނުލެވޭނެ: އުމަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހވާސާއިން ބޭރުން ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަނީ

ގޭންގުތައް ހުއްޓުވުމަށް ކޮންމެ ސަރުކާރަކަށް ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ, ސަރުކާރު އުފެދުމުގައި ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ގޭންގުތަކުގެ ބޭނުން ހިފުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރު މިހެން ވިދާޅުވެފައިވަނީ, "ދެން" އިން ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

"ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް މި ވަޑައިގަންނަވަނީ ގޭންގުތަކުގެ ދަށުވެގެން. މަސްތުވާ އެއްޗެހި ވިއްކާ މީހުންގެ ދަށު ވެގެން. މާނައަކީ ގޭންގުތަކުގެ އަތުން ފައިސާ ހޯދައިގެން, ކެންޕެއިން ކޮށްގެން,  ގޭންގުތަކުގެ މީހުން ބޭނުންކޮށްގެން މަގުމަތީގައި ފޮތި ދަމައިގެން, އިދިކޮޅު ޕާޓީގެ ފޮތިތައް ކަޑުވައި ހަދައިގެން," އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ, ގޭންގުތަކަކީ ޖަލްސާތަކުގެ ގޮނޑިތައް ފުރުމަށާއި, މަގުމަތީގަ ފޮތި ދެމުން ކަހަލަ ކަންކަން ކުރުމަށް އެކްޓްވިސްޓް ބޮޑު ލަޝްކަރެއްގެ ގޮތުގައި ސިޔާސީ ޕާޓީތަކުން ބޭނުން ކުރާހާ ހިދަކު, ގޭންގުތައް ރޫޅާ ނުލެވޭނެ ކަމަށެވެ.

"އެއީ އެމްޑީޕީ ވެސް ހަމަ އެހެން, ޕީޕީއެމް ވެސް, ޕީއެންސީ ވެސް ހަމައެހެން. އެއްވެސް ތަފާތެއް ނެތް. އެގޮތަށް ކެންޕެއިންކޮށްގެން އަންނަ ވެރިކަމަކަށް ގޭންގުތައް ރޫޅައެއް ނުލެވޭނެ. އެހެން އިބްރާހީމް މުހައްމަދު ޞާލިޙަށް ވެސް ދިމާވީ, މުއިއްޒަށް ވެސް ދިމާވަނީ, އަދި ކުރީގަ ޔާމީނަށް ވެސް އެކަން އެހެން ދިމާވާނެ" އުމަރު ވިދާޅުވިއެވެ.

އުމަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, އެގޮތަށް އުފެދޭ ސަރުކާރެއްގައި ގޭންގުތަކާ ދެކޮޅަށް ނިކުންނަ ވަޒީރެއްގެ "އަތް ވެސް" ވަކި ހިސާބަކުން ބަނދެވޭ ކަމަށެވެ. އެމަނިކުފާނަށް ވެސް ކުރިމަތިވެ ވަޑައިގަތީ އެކަން ކަމަށާއި ބާރުތައް ނެގީ, ގޭންގުތަކުގެ ޕްރެޝަރާ ހެދި ކަމަށް ވިދާޅުވިއެވެ.

ކުށްވެރިންގެ ބޭނުން ކޮންމެ ވެރިކަމެއްގައި ވެސް ހިފާ ކަމަށް ވިދާޅުވަމުން އުމަރު މިސާލު ޖެއްސެވީ އިންތިޚާބު ތަކާ ދިމާކޮށް ދޫކޮށްލާ ކުށްވެރިންނަށެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިޚާބާއި, ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެކަން އެގޮތަށް އޭރަކު އޮންނަ ސަރުކާރަކުން ކުރަމުން ދިޔަ ކަމަށް ވިދާޅުވިއެވެ. އަދި މިކަން އެންމެ ބޮޑަށް ހިނގަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ކަން އުމަރު ފާހަގަ ކުރެއްވިއެވެ.

"ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލިސް އިންތިޚާބެއް އަންނައިރު މިކަން އެންމެ ގޯސްކޮށް އަންނަނީ, އެއީ ރަށެއްގެ މީހަކު ދޫކޮށްލައިފިއްޔާ, 30 ހަކަަށް ވޯޓު ލިބޭނެތީ, އަދި ޑިފެރެންސް މިކުރަނީ އެވަރަށް ކަމަށް ވާތީ" އުމަރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ކޮޔާ

    ކަލޯ ގޭންގްމީހުންގެ ވޯޓާއި ނުލާ ކިހިނެތް ވެރިއަކު ހޮވާނީ ވޯޓް ޙައްގުވާ މީހުން ވޯޓްދޭނީ އެމީހަކަށް ފެންނަ މީހަކަށް ޢުމަރު އަކީ މީހަކަށް ރަޙުމެއް ޙަމްދަރުދީއއް ހުންނަ މީހެއްނޫން ވިއްޔާ ކާކު ވޯޓްދޭނީ މިހާރުވެސް ތިހުރީ ގައުމު ހަލާކު ކުރާ ފަޅީގަ

    • ބެންޒު

      ކަލޯ އެއީ ކޮންފަޅިއެއް؟؟ ގޭންގުތަކުގެ އެކަކުވެސް ވޯޓުނުލިއްޔާ ރަގަޅީ! އަދި ބުނެލަން 2028 ހޯދާނީ ޢުމަރު! އިންޝާﷲ!

  2. ހުދުހުދު

    ގަބޫލު ކުރިޔަސް …..ނުކުރިޔަސް…….މިކޮމެންޓް ޖެއްސަސް ނުޖެއްސަސް….ޙައްލަކީ ޢުމަރު……..ކުރާނެ….ކެރޭނެ…..ހިތްވަރު ހުންނާނެ