ޔާމީންގެ ޝަރީއަތް ލައިވްކުރާ ގޮތަށް ހޯމަ ދުވަހަށް ތާވަލުކޮށްފި
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް, ކްރިމިނަލް ކޯޓުން އަލުން ބަލަން ފެށި މައްސަލައިގެ ޝަރީއަތް ޔޫޓިއުބް ލައިވްކުރާ ގޮތަށް ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ޝެޑިއުލުގައިވާ ގޮތުން އެ އަޑުއެހުން އޮތީ އަންނަ ހޯމަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރެވެ. އެއީ ކުރިން ބޭއްވި އަޑުއެހުމުގައި ލައިވްކޮށްގެން ބާއްވާ ފުރަތަމަ އަޑުއެހުމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ދެއްވި ތާރީހެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެއް ބޭއްވީ މިދިޔަ މަހު 21 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އަޑުއެހުމުގައި ޝަރީއަތް ލައިވްކޮށްދޭން ހުށަހެޅީ ޔާމީނުގެ ފަރާތްޕުޅުންނެވެ. ދައުލަތުން ވެސް އެ ކަމާ އިއުތިރާޒު ނުކުރުމުން، ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދަން ގާޒީ ނަދީމް ނިންމެވި އެވެ.
އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ހިމެނޭ ބައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ. އެ ބަޔަކީ، ކުރިން ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގި އިރު ދިފާއީ ހެކިންގެ ބަސް ނަފީ ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ހައި ކޯޓުން ނިންމާފައިވާ ބައެވެ.
އާ ރަށުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ހުކުމްކުރީ ޑިސެންބަރު 25, 2022 ގަ އެވެ. އެ މައްސަލައިގައި ހިމެނޭ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް, އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ހިމެނޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމް ވެސް ބާތިލުކޮށް, ދަށު ކޯޓުން އަލުން ބަލަން އަމުރުކުރި އެވެ.