ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ނެގި މީހަކު ހައްޔަރުކޮށްފި

ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ.
އެ މީހާގެ މައްޗަށް ތުހުމަތުކުރެވެނީ ސައިކަލެއްގެ މަޑިދަށުގައި ބަހައްޓާފައި ހުރި 442750ރ ވަގަށް ނެގި ކަމުގެ ތުހުމަތެވެ.
އެ މައްސަލާގައި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އެ މީހާ ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
ވައްކަމުގެ އެ ތުހުމަތުތަކަށް އެ މީހާ ވަނީ އިންކާރުކޮށްފަ އެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ގަރީނާ ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ސީސީޓީވީ ފުޓޭޖާއި އެއާގުޅޭ ސްނެޕްޝޮޓް ހުށަހެޅިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.